ސިޔާސީ

އަދުރޭއާއި ރިޔާޒްގެ މަސްލަހަތު އޮންނަ ކުންފުނިތަކުން ބޮޑު އަގުގަ ތެޔޮގަތް މައްސަލަތަކެއް ބަލަނީ


ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުނިތަކަކުން ބޮޑު އަގުގައި ފެނަކައަށް ތެޔޮ ގަނެފައިވާ މައްސަލަތަކެއް އޭސީސީއަށާއި، ޚިޔާނާތުގެ މައްސަލަތައްބަލާ ރިޔާސީ ކޮމިޝަނަށް ހުށައަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއްގެ މަސްލަހަތު އޮންނަ ދެ ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ތެޔޮ ގަނެފައިވާކަމަށާއި، އެ މެންބަރުންނަކީ ފޮނަދޫ ދައިރާގެ ކުރީގެ މެންބަރު ޢަބްދުއްރަހީމްއާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝިދުގެ މަސްލަހަތު އޮންނަ ކުންފުނިތައްކަމަށެވެ.

އެގޮތުން އެ މެންބަރުންގެ ކުންފުނިތަކުން ތެޔޮ ގަނެފައިވަނީ ފިއުސް ސަޕްލައި މޯލްޑިވްއިން 8 ރުފިޔާ 25 ލާރިއަށް ގަންނަ ލީޓަރެއް 28 ރުފިޔާގެ މަގުން ގަނެފައިވާކަަމށެވެ. އެ މައްސަލަތައް އޭސީސީއަށާއި، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮރަޕްޝަންގެ މައްސަލަތައްބަލާ އެސެޓް ރިކޮވަރީ ކޮމިޓީއާއި ހިއްސާކުރައްވާފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ.

"ލ އަތޮޅަށް ނސްބަތްވާ މެންބަރަކާ ރ އަތޮޅަށް ނިސްބަތްވާ ންބަރެއްގެ މަސްލަހަތު އޮންނަ ދެ ކުންފުންނާކުން ބޮޑު އަގުގަ ކުންފުންޏަށް ތެޔޮ ގަނެފަ އެބަހުރި. މިހާރު އެ މަޢުލޫމާތު އޭސީސީއާ އެސެޓް ރިކަވަރީ ކޮމިޝަނާ ވާނީ ހިއްސާކޮށްފަ."

އާ މެނޭޖުމަންޓުން ފެނަކައާއި ހަވާލުވިއިރު އެފްއެސްއެމްއަށް އެކަނިވެސް ދައްކަންޖެހޭ ދަރަނީގެ ޢަދަދު 658 މިލިއަން ރުފިޔާގެ ތެރެއިން 390އަށްވުރެ ގިނަ ރުފިޔާ މިހާރު ދައްކާފައިވާކަަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އެހެން ކުންފުނިތަކަށްވެސް ގިނަ ޢަދަދެއްގެ ފައިސާ ދައްކަން ޖެހިފައިވާކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ. ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ މުޢާމަލާތްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުތަކެއް އެކުންފުނީގެ މައްޗަށް އަންނަނީ ކުރަމުންނެވެ.