ސިޔާސީ

އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދިވެސް ނަޝީދަށް އެބަ އޮތް- ޕީޖީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު އަދިވެސް އެމަނިކުފާނަށް އެބައޮތްކަމަށާއި، އެފުރުސަތުގެ ބޭނުން ހިފުމަށް ޕްރޮސެކިއުޓަ ޖެނަރަލް މުހުތާޒު މުހުސިން އިލްތިމާސްކުރައްވައިފިއެވެ.ޕީޖީ އޮފީހުގައި ނޫސްވެރިންނާއި ބައްދަލްކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ، މައްސަލައެއް އިސްތިއުނާފް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ދަށު ކޯޓުން ލިބެންޖެހޭ ހުރިހާ ތަކެއްޗެއް ނުލިބުނު ނަމަވެސް ރަނގަޅު ގޮތަކީ އެމައްސަލަ ނިމުމާއެކު ހައިކޯޓުގައި އިސްތިއުނާފް ކުރުން ކަމަށެވެ.އިސްތިއުނާފުގެ އަޑުއެހުންތަކުގައި ހައިކޯޓު މެދުވެރިކޮށް ދަށު ކޯޓުން ލިބެންޖެހޭ ލިޔެކިޔުންތަކާއި ޝަރީއަތުގެ އަޑުއެހުންތަކުގެ ރެކޯޑިން ހޯދިދާނެ ކަމުގައިވެސް ޕީޖީ މުހުތާޒް މުހުސިން ވިދާޅުވިއެވެ.ޕީޖީ ވިދާޅުވީ ނަޝީދުގެ ގާނޫނީ ޓީމުން ވެސް އެކި ފަހަރު ދައްކަވަނީ އެކި ވާހަކަތަށް ކަމަށެވެ. އެހެންކަމުން މައްސަލަ ތަކުގައި އުޅުއްވާ ދިފާއީ ވަކީލުންވެސް ސިޔާސީ ނުވެ ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމަށް ޕީޖީ މުހުތާޒް މުހުސިން އެދިވަޑައިގެންނެވިއެވެ.