ޚަބަރު

ހެންވޭރު ހުރިހައި މަގެއްގައި "ލެޑްލައިޓް"!


މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި އާދައިގެ ބޮކިތައް ލެޑު ބޮތްކަށް ބަދަލުކުރަން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހެންވޭރުގެ ހުރިހައި މަގެއްހައި ލެޑް ބޮކި ހަރުކޮށް ނިމިއްޖެއެވެ.

މާލެ ސިޓީގެ މަގުތަކުގައި ލެޑް ބޮކިތައް ހަރުކުރުމަށް، ފަށާފައިވާ މަޝްރޫއުއަކީ ހަކަތަ އެފިޝަންޓް ކުރުން ނުވަތަ ސަމަކާރަ ކުރުމާއި އިޢާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މަގުތަކުގައި ހުރި މަގުބައްތިތަކުގެ ބޮކިތައް ލެޑް ބޮތްކަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހެންވޭރުގެ މަގުތަކުގައި ލެޑް ބޮކި ހަރުކޮށް ނިމުނުކަން މިމަސައްކަތްކުރާ ފަރާތުން ހާމަކޮށްފައިވާއިރު، އެއްވެސް މަގެއްގައި ލެޑް ބޮކި ހަރުކޮށްފައި ނެތްނަމަ މާލޭ ސިޓީކައުންސިލްއަށް އެކަން އެންގުމަށް އެކައުންސިލުން އެދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު ސިފާ މުޙައމަދު ވިދާޅުވީ މާލޭގެ މަގުތަކުގައި ލެޑު ބޮކި ހަރުކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ގަލޮޅުގެ މަގުތަކުގައި ލެޑް ބޮކި ހަރުކުރުމުގެ މަސައްކަތްކަމަށެވެ. އަދި އަންނަ މަހުގެ ނިޔަލަށް ގަލޮޅާއި މައްޗަންގޮޅީގައި ބޮކި ހަރުކޮށް ނިންމާލެވޭނެކަމަށްވެސް ސިފާ ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ވިލިމާލޭގެ ބޮޑު ސަރަޙައްދެއްގައިވެސް ބޮކިތައް ހަރުކޮށް ނިމިފައިވާކަން މާލެ ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި އިންޑިއާގެ އެނަރޖީ އެފިޝިއަންސީ ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި ހަރުކޮށްފައިހުރި 2500 މަގު ބައްތިތަކުގެ ބިކިތައް ތިމާވެއްޓާ ރައްޓެހި ލެޑު ބޮތްކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މި ބޮކިތަކަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

ރާއްޖޭއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެލައްކަ އެނަރޖީ ސޭވިންގ ބޮކި ގޭބިސީތަކަށް ބެހުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި މިހާރު ވަނީ ބޮކި ތައް ގޭބިސީތަކަށް ބެހުމަށްޓަކައި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ކަރަންޓު އެތައް ގުނައަކުން ސަލާމަތް ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.