ސިޔާސީ

56 ވަކީލުން ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ އިރުޝާދެއްނެތި - ޑީޖޭއޭ


ރާއްޖޭގެ ޝަރުޢީ ނިޒާމާމެދު ކަންބޮޑުވުންފާޅުކޮށް، އެކަމަށް ޙައްލު ހޯދައިދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން 56 ވަކީލުން ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ ލަފައެއްނެތިކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ވަނީ ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޙާޒިރުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރުން ވަނީ ގިނަ ޢަދަދެއްގެ ވަކީލުން 2017ވަނަ އަހަރުގެ ތެރޭގައި ސަސްޕެންޑް ކޮށްފައިވާތީ އެއީ ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްތޯ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ.

އެސުވާލުތަކަށް ޖަވާބުދެއްވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ 56 ވަކީލުން ސަސްޕެންޑްކޮށްފައިވަނީ އެމަޤާމަށް އޭނާ ޢައްޔަނުކުރެއްވުމުގެ ކުރިންކަމަށެވެ. ނަމަވެސް ޑީޖޭއޭގައި ހެދި އެތެރޭގެ އޮޑިޓާ ޙަވާލާދެއްވައި ނަޒީރު ވިދާޅުވީ، އެއްވެސް ވަކީލަކާމެދު ފިޔަވަޅު އަޅަނީ ސުޕްރީމް ކޯޓުން އެގޮތަށް އެންގުމުންކަމަށެވެ. އެގޮތުން ވަކީލަކު ސަސްޕެންޑްކުރުމާއި ބަޔާން ނަގަނީވެސް އެގޮތަށް ޢަމަލުކުރުމަށް ސުޕްރީމް ކޯޓުން ލިޔުމަކުން ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެނެގުމުންކަމަށެވެ.

ނަމަވެސް 56 ވަކީލުން ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އެއްވެސް އެންގުމަކާނުލާކަމަށާއި، އެކަމާއި ގުޅޭ އެއްވެސް ލިޔެކިއުމެއް އެ ޑިޕާޓްމަންޓަށް ލިބިފައިނުވާކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. ނަމަވެސް އެ ވަކީލުންނާއި މެދު ޖިނާޢީ ތަޙްޤީޤެއްކުރުމާއި ގުޅޭގޮތުން ފުލުހުން ފޮނުވާފައިވާ ސިޓީއެއް އެ ޑިޕާޓްމަންޓްގައި އޮތްކަމަށެވެ. ނަޒީރު ވަނީ ގިނަ ޢަދަދެއްގެ ފަނޑިޔާރުން ސަސްޕެންޑްކުރުމާއި ގުޅޭ ހުރިހ ލިޔެކިއުންތަކެއްގައި ސޮއިކުރައްވާފައިވަނީ ކުރިން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ހުންނެވި ޙަސަން ސަޢީދުކަމަށެވެ.

"އެ ވަކީލުންތައް ސަސްޕެންޑްކުރުމުގައި ފަނޑިޔާރންގެ މަޖިލީހުގެ ނިންމުމެއް ނެތްކަން އަޅުގަނޑަށް ކަށަވަރު. ސަބަބަކީ އެހެން ހުރިހާ ސަސްޕެންޝަންތަކުގައި ސުޕްރީމް ކޯޓުގެ ލިޔުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށް އައުމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެވަކީލަކު ސަސްޕެންޑްކުރަނީ ނުވަތަ ބަޔާން ނަގަނީ. އެ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް." ޑރ.ނަޒީރު ވިދާޅުވިއެވެ.

މެންބަރުން ވަނީ 56 ވަކީލުން ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓާއި ހަވާލާދީ ނެރުނު އަމުރެއްގައިކަމަށްވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ސަސްޕެންޑްގައި އެ ވަކީލުން ތިއްބަވާތާ 2 މަސް ދުވަސްވިއިރުވެސް ސުޕްރީމް ކޯޓުން އެކަން ދޮގުކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޑީޖޭއޭއަކީ ސުޕްރީމް ކޯޓުގެ ދަށުން ހިންގާ މުއައްސަސާއަކަށްވުމާއެކު އެމައްސަލަ ތަޙްޤީޤްކުރި ގޮތާގުޅޭގޮތުންވެސް މެންބަރުން ސުވާލު ދެންނެވިއެވެ.

ސުވާލުތަކަށް ޖަވާބުދެއްވަމުން ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛް އަޙްމަދު މާޖިދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް އިރުޝާދެއް ނެތި ފަނޑީޔާރުން ސަސްޕެންޑްކުރުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކުރެވޭނެކަމެއްނޫންކަމަށް ވިދާޅުވެފައެވެ. އަދި ވަކީލުންނާމެދު ޝަރުޢީ ދާއިރާއިން ގޯސްކޮށް ކޮށްފައިވާ ކަންކަންވެސް ހުރިކަން ފާހަގަކުރައްވާ މާޖިދު ވިދާޅުވީ، ޝަރުޢީ ދާއިރާ ރަނގަޅުކުރަން ބޭނުންވާނަމަ ވަކީލުންނާމެދު ފިޔަވަޅު އެޅުން ހުއްޓާލަންޖެހޭކަމަށް ޖުޑީޝަރީ ރިފޯމް ޕްލޭންގައިވެސް ބަޔާންކޮށްފައިވާކަމަށެވެ.

"އަޅުގަނޑު ހަނދާންވަނީ އެ ވަކީލުން ސަސްޕެންޑްކުރި ދުވަސްވަރު އަޅުގަނޑުމެން ދަންނަވާފަވާނެ ވަކީލުންނާމެދު ގޯސްކޮށްވެސް ކަންތައް ކުރެވިފައިވާނެކަމަށް." މާޖިދު ވިދާޅުވިއެވެ.

2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު 56 ވަކީލުން ސަސްޕެންޑްކޮށްފައިވަނީ ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުން ފާޅުކޮށް، ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުންނެވެ. އެކަމާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން ނެރުނު އިޢުލާނެއްގައި ވަނީ ވަކީލުން ސަސްޕެންޑް ކުރަން ނިންމީ ރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ މުސްތަގިއްލުކަމާއި ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭ ގޮތަށް ޖަމާއަތް ހަދައިގެން ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓަށް އެއްވުމާ ގުޅިގެންކަމަށެވެ.