ތަޢުލީމު

"ވަން ސްޓޮޕް އެޑްމިޝަން" މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފަހި ފުރުޞަތެއް


މަތީ ތަޢުލީމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ހުރި ފުރުޞަތު އަންގައިދީ، ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ޙާއްސަ ހަރަކާތެއް ބޭއްވުމަށް އެ ޔުނިވަރސިޓީން ނިންމައިފިއެވެ.

"ވަން ސްޓޮޕް އެޑްމިޝަން" ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ ގޯތިތެރޭގައެވެ. މި ހަރަކާތުގައި ޤައުމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުތަކާއި އޮގަސްޓު މަހު ޔުނިވަރސިޓިން ފަށާ ކޯސްތަކުގެ ތެރެއިން ޖާގަހުރި ކޯސްތަކަށް އެޕްލިކޭޝަން ފޯމް ބަލައިގަނެ، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

މީގެ އިތުރުން އެޕްލިކޭޝަން ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސެޓްފިކެޓްތައް އެޓެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް، ސެޓްފިކެޓްތައް އެޓެސްޓު ކޮށްދިނުމުގެ ޚިދްމަތްވެސް މި ހަރަކާތުގެ ތެރޭގައި ފޯރުކޮށްދެވޭނެއެވެ.

ވަން ސްޓޮޕް އެޑްމިޝަންގެ ހަރަކާތްތައް މާލޭގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ އަތޮޅުތަކުގެ ކެމްޕަސްތަކުގައިވެސް ހިންގުމަށް އެމް.އެން.ޔޫއިން ވަނީ ނިންމާފައެވެ. އެގޮތުން ގަމު ކެމްޕަހާއި ތިނަދޫ ކެމްޕަހުގައި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޔުނިވަރސިޓީގެ ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، އެޕްލިކޭޝަން ބަލައިގަނެ، ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓުމަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޔުނިވަރސިޓީގެ ކޯސްތަކަށް މުޅިން އަލަށް ހޮވިފައިވާ ފަރާތްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމުތައް މިމަހުގެ 28 ވަނަ ދުވަހު ފެށޭނެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި 7000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ޙާސިލުކުރަމުންނެވެ.