ކުޅިވަރު

ވަރުގަދަ ކުވެއިތު އަތުން ސީދާ 3 ސެޓުން ރާއްޖެ ބަލިވެއްޖެ


ކުވެއިތުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު މެޗް ސީދާ ތިން ސެޓުން ރާއްޖޭގެ ޤައުމީ ވޮލީ ޓީމް ބަލިވެއްޖެއެވެ.

މިމަހުގެ 17ވަނަ ދުވަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ ވޮލީ ޓީމް މިހާރުވަނީ ސަރބިޔާގައި ތަމްރީން ހަދަމުންނެވެ. ކުވެއިތުގެ ގައުމީ ޓީމްވެސް ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށް މިހާރުދަނީ ސާބިޔާގައި ކޭންޕް ކުރަމުންނެވެ.

ގައުމީ ވޮލީ ޓީމް ކުވެއިތާއި ވާދަކުރި މެޗުގައި މާރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު، ކުވެއިތަކީ އޭޝިޔާ ސަރަޙައްދުގެ ގަދަ ބާރެކެވެ. މިމެޗްގެ ސެޓްތައް ކުވެއިތުން ގެންދިޔައީ 25-14، 25-17 އަދި 25-21 އިންނެވެ. ފުރަތަމަ ތިން ސެޓް ކުވެއިތުން ކާމިޔާބުކުރި ނަމަވެސް، މިއީ ޕްރެކްޓިސް މެޗަކަށްވާތީވެ އިތުރު ދެ ސެޓުވެސްވަނީ ކުޅެފައެވެ. މި ދެ ސެޓް ކާމިޔާބުކުރީ ރާއްޖޭގެ ގައުމީ ވޮލީ ޓީމުންނެވެ. އެއީ 25-20 އަދި 15-13 އިންނެވެ.

މިމެޗްގެ ކުރިން ރާއްޖެއިންވަނީ ސަރބިޔާގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ޕާޓިޒަންއާއިއެކު ދެ މެޗް ކުޅެފައެވެ. ކުވެއިތުގެ ޤައުމީ ޓީމާއިއެކު ކުޅުނު މިމެޗްގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ކުވެއިތު ޓީމްގެ އެޓޭކުގެ ވަރުގަދަކަމެވެ.

ޤައުމީ ވޮލީ ޓީމްގެ ކޯޗް މުޙައްމަދު ސާޖިދު ބުނީ ކޭމްޕްގެ ބޭނުން ކުޅުންތެރިން ހިފާތަން ކުވެއިތުގެ މެޗުން ވަރަށް ބޮޑަށް ފެނުނުކަމަށެވެ. ދިވެހި ޓީމް އެންމެ ބޮޑަށް ރަނގަޅުކުރަންޖެހޭ ރިސީވްގެ މައްސަލަތައް މިމެޗްގައި ވަރަށް ބޮޑަށް ހައްލުވިތަން ފާހަގަކުރެވުނުކަމަށް އޭނާ ބުންޏެވެ. މިމެޗްގައި މައިގަނޑު ގޮތެއްގައި ދިވެހި ޓީމްގެ ފަރާތުން ރަނގަޅު ރިސީވްތަކެއް ފެނުނެވެ.

ކޯޗް ބުނީ މިއީ ރާއްޖޭގެ ޓީމާއި އަޅާބަލާއިރު މުޅިން ތަފާތު ލެވެލްއެއްކަމަށާއި، ނަމަވެސް ކުވެއިތު މެޗުންވެސް ގިނަ ކަންތައްތަކެއް ކުޅުންތެރިންނަށް ދަސްވާނެކަމަށް އުއްމީދުކުރާކަމަށް ކޯޗު ބުންޏެވެ.

"މެޗްގައި ކުޅުންތެރިން، އެކުޅުންތެރިންގެ ފެންވަރުން ވަރަށް ރަގަނޅަށް ކުޅުނު. ކުރިން ކިޔައިދިން ވަރަށް ގިނަ ކަންތަށްތަށްވެސް ރަގަނޅު ކުރި. މިމެޗްގައި ދިވެހި ކުޅުންތެރިންގެ ފަރާތުން މިއަދު ރަގަނޅު ރިސީވްތަކެއް ފެނިގެންދިޔަ. ނަމަވެސް އަދިވެސް ބުލޮކް ކުރަން ވަރަށް ބޮޑަށް ދަސްކުރަން އެބަޖެހޭ. އަދި ސްޕައިކު ކުރާއިރުވެސް އިދިކޮޅު ޓީމްގެ ބުލޮކް ދަސްކުރަން އެބަޖެހޭ. ކުވެއިތުއާއި ދެކޮޅަށް ކުޅެލަން ލިބުމަކީ އަސްލުގައި ވަރަށް ޓީމްއަށް ފައިދާ ކުރާނެކަމެއް. ވަރުފަދަ ޓީމްއަކާއި އެކު ކުޅުމުން ގިނަ މިސްޓޭކްތަށް ފެނިގެންދާނީ. މިމެޗްގައި ފާހަގަވި ކަންތަށްތަށް ރަގަނޅު ކުރުން ދެން ކުރިއަށް އޮތީ." ކޯޗް މުހައްމަދު ސާޖިދު ބުންޏެވެ.

ޤައުމީ ޓީމް ސަރބިޔާގައި މިކުރާ ތަމްރީންތަކުގައި ކުވެއިތާއިއެކު އިތުރު މެޗްއެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ސަރބިޔާގެ ޓީމްތަކާއެކު އިތުރު 4 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.