ސިޔާސީ

ރިޟުވާނުގެ މައްސަލަ ބަލާ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި


ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާނުގެ މައްސަލަ ތަޙްޤީޤްކުރުމުގައި ފުލުހުން ވެފައިވާ އިޙްމާލު ބެލުމަށް ބޭއްވި ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ. މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނީ، ސަރުކާރުގެ މުއައްސަސާތަކުން ކޮމިޓީއަށް ފޮނުވާފައިވާ ލިޔެކިއުންތައް ދިރާސާކުރުމަށެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފުލުހުން ކޮމިޓީއަށް ޙާޒިރުކުރުމަށް މަޝްވަރާކުރައްވާފައިވާއިރު، އޭގެކުރިން ބޭއްވި ބައްދަލުވުމެއްގައިވެސް ވަނީ ފުލުހުންގެ އިސްވެރިން އެ ކޮމިޓީއަށް ޙާޒިރުކުރުމަށް ނިންމާފައެވެ. އެނގިފައިވާގޮތުން ފުލުހުން ކޮމިޓީއަށް ޙާޒިރުކުރަނީ މާދަމާއެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލަ ތަޙްޤީޤްކުރުމުގައި ފުލުހުން ވެފައިވާ އިޙްމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ. މި މައްސަލާގައި ފުލުހުން އިހުމާލުވެފައިވާކަމަށް ބުނެ ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.

ޙިސާންގެ ހުށައެޅުއްވުމުގައި ވަނީ ރިޟްވާން ގެއްލުވާލި މައްސަލާގައި ފުލުހުން ވެފައިވާ އިޙްމާލުގެ މައްސަލަތައް ބެލުމުގެ މަސްޢުލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުންގައި ނެތްކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅޭ ތަފްސީލީ ރިޕޯޓެއް ރިޔާސީ ކޮމިޝަންގެ ފަރާތުން އެމަނިކުފާނާ ހިއްސާ ކުރައްވާފައިވާކަމަށެވެ.

2014 އަހަރުގެ އޮގަސްޓު މަހު ރިޟުވާނު ގެއްލިފައިވާއިރު، އޭނާ ހޯދުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ ރިޟްވާނުގެ އާއިލާއިންދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެފަދަ ކަންބޮޑުވުންތައް އަޑުއައްސަވާ އެފަދަ މައްސަލަތައް ތަޙްޤީގުކުރުމަށް ސަރުކާރުން ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އުފެއްދެވި، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން"ގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްގެންދާއިރު އެކޮމިޝަން ދަނީ ރިޟުވާނުގެ މައްސަލަވެސް ތަޙްޤީގު ކުރަމުންނެވެ.