ކުޅިވަރު

މެސީއަށް ރަތް ކާޑު ދެއްކި މެޗުން މޮޅުވެ އާޖެންޓީނާ ތިންވަނަ ހޯދައިފި


ކެޕްޓަން މެސީއަށް ރަތްކާޑު ދެއްކި މެޗުން މޮޅުވެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ އާޖެންޓީނާއިން ހޯދައިފި އެވެ.

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ރޭ ޗިލީ އަތުން އާޖެންޓިނާ މޮޅުވީ ދޭއް އެކަކުން. މެޗުގެ ކުރީކޮޅު ސާޖިއޯ އަގުއޭރޯ އަދި ޕައުލޯ ދިބާލާގެ ގޯލުން އާޖެންޓީނާއިން ދެ ގޯލްގެ ލީޑެއް ނެގި އެވެ.

މެޗުގެ ފޯރިގަދަވީ 37 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން މެސީއަށް ރެފްރީ ރަތްކާޑު ދެއްކި ހިސާބުން ނެވެ. ބޯޅަ ނެތީސް ޗިލީގެ ޑިފެންޑަރ ގެރީ މެޑެލް އަދި މެސީއާއި ދެމެދު ހިނގައިދިޔަ ކަންތައްތަކަށްފަހު ރެފްރީވަނީ ދެ ކުޅުންތެރިންނަށްވެސް ރަތްކާޑު ދައްކާފަ އެވެ.

މިއީ މެސީގެ ކެރިއަރުގައި ޤައުމީ ޓީމަށް ކުޅެނިކޮށް އޭނާއަށް ދެއްކި ދެވަނަ ރަތްކާޑެވެ. މެސީގެ ފުރަތަމަ ރަތްކާޑެއް ދެއްކީ 2005ވަނަ އަހަރު އާޖެންޓީނާއަށް އޭނާ ކުޅުނު ފުރަތަމަ މެޗުގައެވެ.

މެޗަށްފަހު މެސީވަނީ މުބާރާތުގެ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ބްރެޒިލް އަތުން ބަލިވި ސެމީ ފައިނަލަށް ފަހުވެސް މެސީ ވަނީ ރެފްރީގެ ނިންމުންތަކަށް ފާޑުކިޔާފަ އެވެ.

ރޭގެ މެޗަށްފަހު މެސީ ބުނީ މިފަހަރުގެ ކޮޕަ އެމެރިކާއަކީ ބްރެޒިލްއަށް ތަށި ހޯދައިދޭން ބާއްވާ މުބާރާތެއްކަމަށެވެ. އަދި މުބާރާތުގައި ރެފްރީން ގަސްތުގައި ބްރެޒިލްއަށް ފައިދާވާގޮތަށް ކަންތައްތައް ކޮށްދީފައިހުރިކަން ހާމަވާކަމަށް އޭނާ ބުންޏެވެ.

ކޮޕަ އެމެރިކާގެ ފައިނަލްގައި ވާދަކުރާނީ ބްރެޒިލްއާއި ޕެރޫ އެވެ.