ޚަބަރު

"ކަލާފާނު"ގެ 30 ގަޑިއިރުގެ ދުވުމުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި


ކަލާފާން ސްކޫލަށް 30 އަހަރު ފުރުމުގެ މުނާސަބާގައި ކުރިއަށްގެންދިޔަ 30 ގަޑިއިރުގެ ދުވުން ނިންމާލުމަށް ބޭއްވި ޙަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ. ހުކުރު ދުވަހު މެންދުރު ފަހު 3:00 ގައި ފެށި މި ދުވުން ނިންމާލާފައިވަނީ މިރޭ 9:00 ގައެވެ.

ދުވުން ނިންމާލުމުގެ ގޮތުން ކުރިއަށްގެންދިޔަ އެންމެފަހު ތިންބުރުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފު ބައިވެރިވެ ވަޑައިގަތެވެ. މިޙަރަކާތް ނިއްމާލުމަށްފަހު ކަލާފާނު ސްކޫލުގެ ފަރާތުން ވަނީ ރައީސް އަނބިކަނބަލުން ފަޒްނާ އަޙްމަދަށް "ހަނދާނީ ދިދަ"އެއް އަރުވާފައެވެ.

މި ޙަރަކާތަށްފަހު ޕީއެސްއެމް ނިއުސްއަށް މާއުލޫމާތުދެއްވަމުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވީ ކަލާފާނު ސްކޫލުގެ މުސްކުޅި ދަރިވަރެއްގެ ޙައިސިއްޔަތުން މިޙަރަކާތުގައި ބައިވެރިވެވަޑައިގަނެވުނީތީ، ފަޚުރުވެރިވެވަޑައިގަންނަވާކަމަށެވެ.

"ދުޅަހެޔޮ ދިރިއުޅުމައްޓަކައި - މިންހެޔޮ ކާނާއާއި ކަސްރަތު" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދިޔަ މިދުވުމަށް ދީފައިވާ ނަމަކީ "ގްރީން ރަން 2019"އެވެ. މި ދުވުން ކުރިއަށްގެންގޮސްފައިވަނީ ހުއްޓާ ނުލައި 30 ގަޑިއިރުވަންދެން ދުވެގެންނެވެ. މި ހަރަކާތުގައި މަޝްހޫރު ދުވުންތެރިޠާ އަދި މިޙަރަކާތަށް ކަނޑައަޅާފައިވާ އެމްބަސަޑަރު ހަސަން ސާއިދުވެސް ވަނީ ދުވެފައެވެ. އަދި ކަލާފާނު ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނާއި އެސްކޫލުގެ މުސްކުޅި ދަރިވަރުން ހިމެނޭގޮތައް 2000އަށްވުރެ ގިނަ މީހުން މިދުވުމުގައި އެކި މިންވަރަށް ބައުިވެރިވެ ދުވެފައިވެއެވެ.

ސްކޫލްގެ ލީޑިންގ ޓީޗަރ ޝީމާލް ވިދާޅުވީ އުންމީދު ކުރިވަރަށްވުރެ ބޮޑަށް މިޙަރަކާތަށް ތަރުހީބު ލިބުނުކަމަށެވެ. ދަރިވަރުންގެ ސިއްޙަތަށް ފައިދާ ކުރުވަނި ހަރަކާތެއް ހިންގައި އެކަމަށް ބޮޑު ތަރުޙީބެއް ލިބުންއެއީ ސްކޫލަށް ލިބޭ ބޮޑު ފަޚުރެއްކަމުގައި ޝިމާލް ސިފަކުރެއްވިއެވެ.

ގްރޭޑް އެކަކުން ފެށިގެން ދިހައަކާއި ހަމައަށް ކިޔަވައިދެމުން އަންނަ ކަލާފާނު ސްކޫލުގައި ކިޔަވައިދޭން ފަށާފައިވަނީ 25 ޖުލައި 1989ވަނަ އަހަރުއެވެ. އޭރު ހަމައެކަނި ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ފެށި މިސްކޫލަށް މިމަހުގެ 25ވަނަ ދުވަހު 30 އަހަރުފުރޭނެއެވެ.