ސިޔާސީ

ބާ ކައުންސިލްގެ އިންތިޚާބާ ގުޅިގެން 12 ޝަކުވާއެއް ހުށަހަޅާފައިވޭ


މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ބާ ކައުންސިލްގެ އިންތިޚާބާއި ގުޅިގެން ވޯޓާސް ލިސްޓާގުޅޭ 12 ޝަކުވާއެއް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ތަރުޖަމާން އަޙްމަދު އަކްރަމް ވިދާޅުވީ، ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓާސް ލިސްޓާގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 12 ޝަކުވާއެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ އެޑްރެސް ނުބައިކޮށް އޮވެގެން ހުށަހަޅާފައިވާ މައްސަލަތައްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެޑްރެސް ނުބައިކޮށް އޮވެގެން 8 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި، ލިސްޓުގައި ނަން ނެތިގެން 3 ޝަކުވާ އަދި ނަން ނުބައިކޮށް އޮވެގެން 1 ޝަކުވާ ހުށަހަޅާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ޝަކުވާތަކަށް ބެލުމަށްފަހު ވޯޓާސް ލިސްޓުގެ ޖުމްލަ ޢަދަދު މިހާރު 1490 އަށް އިތުރުކޮށްފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އަދަދަށް ބާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވެފައި ނުވާތީ، މިފަހަރުގެ ވޯޓުލުން ކުރިއަށްދާނީ ހަމައެކަނި މާލޭ ސިޓީއާއި އައްޑޫ ސިޓީގައި ކަމަށެވެ. އެގޮތުން މާލޭގައި ވޯޓުލުން ކުރިއަށްދާނީ އިންތިޚާބާބެހޭ މަރުކަޒުގެ ހޯލުގައި ކަމަށާއި، އައްޑޫގައި ވޯޓުލުން ކުރިއަށްދާނީ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ހޯލުގައިކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ބާ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ ނަން އެއް ކަރުދާސް ކޮޅެއްގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ނަމަވެސް، ވޯޓު ކަރުދާހުގައި ފާހަގަޖެހުމުގެ އުޞޫލަށް ގެނެވުނު ބަދަލުތަކާއެކު ކައުންސިލްގެ ރައީސްކަމަށަށާއި، ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަލައްވާފައިވާ ކެނޑިޑޭޓުންގެ ނަން 2 ކަރުދާހަކަށް ޗާޕުކުރުމަށް މިހާރު ނިންމާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާ ބާ ކައުންސިލްގެ އިންތިޚާބުގައި ޖުމްލަ 23 ކެނޑިޑޭޓަކު ވާދަކުރާއިރު، ކަައުންސިލްގެ ރައީސްކަށް ކުރިމަތިލައްވާފައިވަނީ ޤާނޫނީ ވަކީލް ޙުސްނުއް ސުޢޫދާއި، ޤާނޫނީ ވަކީލް މައުމޫން ޙަމީދުއެވެ. ކައުންސިލްގެ ނާއިބު ރައީސްކަމުގެ މަޤާމަށްވެސް ކުރިމަތިލާފައިވަނީ ދެ ފަރާތަކުންނެވެ. އަދި އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުކަމަށް 19 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ މި އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 5 ޖެހުމަށާއި ހަމައަށެވެ.

ރާއްޖޭގައި ބާއްވާ އެހެން އިންތިޚާބު ތަކެކޭ އެއްފަދައިން ބާ ކައުންސިލްގެ އިންތިޚާބުވެސް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށްދާނެކަމުގެ ޔަޤީންކަން އެ ކޮމިޝަނުން ވަނީ ދެއްވާފައެވެ.