ކުޅިވަރު

އައިއޯއައިޖީއަށް ތައްޔާރުވާން ލިބެނީ އެންމެ ފަސް ދުވަސް: ސެގާޓް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާން ލިބެނީ އެންމެ ފަސް ދުވަސްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޕީޓަރ ސެގާޓް ބުނެފި އެވެ.

ޖުލައި މަހުގެ 18ގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ ޤައުމީ ޓީމްގެ ފަރިތަކުރުންތައް ފަށަނީ އަންނަ ހަފްތާގަ އެވެ. ލީގުގައި މާޒިޔާ އަދި އީގަލްސް ވާދަކުރާ މެޗަށްފަހު ޤައުމީ ޓީމްގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރު މުބާރާތަށް ޓީމް ނެގުމުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ލީގު ފެށުމުގެ ކުރިން ޓީމް ލިސްޓް ފައިނަލްކޮށް ފޮނުވަން ޖެހުންކަމަށް ކޯޗު ބުންޏެވެ.

ކޯޗު ސެގާޓް ބުނީ ޓީމް އެކުލަވާލަން ބެލިއިރު، ޓީމުގެ ކުޅުންތެރިން ފިޓްނަސްއެއް ނޭނގޭކަމަށާއި، ލީގު ނުފަށާތީ އެއްވެސް ކުޅުންތެރިއެއްގެ ފޯމެއްވެސް ނޭނގޭކަމަށެވެ. ސާފް ސުޒުކީ ކަޕަށްފަހު މިދިޔަ ސީޒަންގެ ފަހުކޮޅު ލީގުގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައި އާ ކުޅުންތެރިންނަށް ސްކޮޑުން ފުރުސަތުދީފައިވާނެކަމަށް ކޯޗު ބުންޏެވެ. ކޯޗު ބުނީ މިވަރުގެ ވަރުގަދަ ގޭމްސްއަކަށް ތައްޔާރުވާން އެންމެ ފަސް ދުވަސް އެއީ ވަރަށް މަދު މިންވަރެއްކަމަށާއި، އެކަމަކު މުބާރާތާއިމެދު އުއްމީދު އެބައޮތްކަމަށެވެ. އޭނާ ބުނީ މިއަހަރު ވޯލްޑްކަޕް ކޮލިފައިންގެ މެޗުތައް ކުރިއަށް ހުރުމާއިއެކު މިއީ އެ މެޗުތަކަށް ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށެވެ.

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފުޓްބޯޅައިގައި ރާއްޖެ ހިމެނުނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނޭ ޤައުމުތަކަކީ ރީޔޫނިއަން، މަޔޯޓެ އަދި ކޮމޮރޯސް އެވެ.