ޚަބަރު

ވީއޭއެމްގެ އިންޓަރިމް ކޮމިޓީ ބަލައިނުގަތުމަށް އެފްއައިވީބީން އަންގައިފި


އިންޓަރިމް ކޮމިޓީއަކާއި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހަވާލުކުރިނަމަވެސް އެކަން ބަލައިގަންނާނީ ތަހުގީގުނިމި ހުރިހާ ހެކިތަކެއް އެ އިދާރާއަށް ހުށަހެޅުމުންކަމަށް ދުނިޔޭގެ ވޮލީބޯޅައާއި ބެހޭ މައި އިދާރާ (އެފްއައިވީބީ)ބުނެފިއެވެ.

މޯލްޑިވްސް އޮލީމްޕިކް ކޮމިޓީގެ ރަޢީސް މުޙައްމަދު ޝަވީދަށް އެޑްރެސްކޮށް ދުނިޔޭގެ ވޮލީބޯޅައާއި ބެހޭ މައި އިދާރާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ އެކްސްކޯ އުވާލައި އިންޓަރިމް ކޮމިޓީއަކާއި ހަވާލުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި ވީއޭއެމްގެ އެކްސްކޯގެ ދަށުން ހިންގަމުންދާ އެސޯސިއޭޝަންގެ އޮފީސް އަތުލާފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވާކަމަށެވެ. އަދި ވީއޭއެމްއަކީ އެފްއައިވީބީގެ ފުރިހަމަ މެމްބަރެއް ކަމަށާއި ވީއޭއެމްގެ އެކްސޯ އުވާލައި ހިންގުން އިންޓަރިމް ކޮމިޓީއަކަށް ހަވާލުކުރަންޖެހޭ އެއްވެސް ސަބަބެއް އަދި މިހާތަނަށް ސްޕޯޓްސް ކޮމިޝަނުން އެ އިދާރާއާއި ޙިއްސާކޮށްފައި ނުވާކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

އެފްއައިވީބީން ބުނެފައިވަނީ ވީއޭއެމްގެ ހިންގުމުގައި މައްސަލަތަކެއް އުޅޭނަމަ އެ މައްސަލަތައް ބަލާނީ އެ އިދާރާއިން ކަމަށާއި އެފަދަ އެއްވެސް މައްސަލައެއް އުޅޭނަމަ އެ މަޢުލޫމާތުތައް ހިއްސާކުރުމަށް އެދޭކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ ވީއޭއެމަކީ އެ ޖަމްޢިއްޔާގެ ފުރިހަމަ މެމްބަރެއްކަމަށާއި ވީއޭއެމް ހިންގުމުގައި މައްސަލައެއް އުޅޭނަމަ އެ މައްސަލަ ބަލައި ގޮތް ނިންމުމުގެ ބާރު ލިބިގެންވަނީ އެފްއައިވީބީއަށް ކަމަށެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ހޯދުމުގައި އެފްއައިވީބީއަށް އެހީތެރިވެދެއްވުމަށް މި ސިޓީގައި ބުނެފައިވެއެވެ.

ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ އެކްސްކޯ އުވާލައި އެ އެސޯސިއޭޝަންގެ ހިންގުން އިންޓަރިމް ކޮމިޓީއަކާއި ހާވަލުކުރަން ނިންމައި ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލީ މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހުއެވެ. އަދި އިންޓަރިމް ކޮމިޓީގެ މަސައްކަތަކަށް ވެގެންދާނީ ވީއޭއެމްއާއި ގުޅޭގޮތުން ބަލަމުންދާ މައްސަލަތައް ދިރާސާކޮށް، އައު އިންތިޚާބެއް ބާއްވާ އައު އެކްސްކޯއެއް އެކުލަވާލުންކަމަށް އެ ކޮމިޓީންވަނީ މީގެކުރިން ބުނެފައެވެ.

ވީއޭއެމްގެ ރަޢީސްކަމުގެ މަގާމަށް މުޙައްމަދު ލަތީފް އިންތިޚާބް ކުރީ 2016ވަނަ އަހަރުއެވެ.