ޚަބަރު

އިޖްތިމާޢީ ކަންކަންވެސް ތިމާވެއްޓާ ރަށްޓެހި ހަރަކާތްތަކަށް ހަދަންޖެހޭ - ފަޒްނާ


އެކި ކަހަލަ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ހިންގާ ތަފާތު ހަރަކާތްތަކަކީވެސް ތިމާވެއްޓާ ރަށްޓެހި ހަރަކާތްތަކަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރައްވާފައިވަނީ އަމީނިއްޔާ ސްކޫލަށް 75 އަހަރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި "އަމީނީ ޑައިމަންޑް ޖުބްލީ ރަން"ގައި ބައިވެރިވެވަޑައިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ހުޅުމާލޭ ސެޓްރަލް ޕާކު ސަރަޙައްދުގައި ކުރިއަށްދިޔަ މި ދުވުމުގައި 2500 އަށްވުރެ ގިނަ އަމީނިއްޔާގެ އެހާރާއި މިހާރުގެ ދަރިވަރުން ބައިވެރިވިއެވެ.

އަމީނިއްޔާ ސްކޫލުގެ 75 ވަނަ ޑައިމަންޑް ޖުބުލީ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް އެ ސްކޫލުން އަންނަނީ މުޅި އަހަރަށް ބަހާލައިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައި "އަމީނީ ޑައިމަންޑް ޖުބްލީ ރަން" ގެ ނަމުގައި ބޭއްވި ޙާއްސަ ދުވުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، އެޑިއުކޭޝަން މިނިސްޓަަރ ޑރ. އައިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ދިވެހިންގެ ތެރޭގައި ބާއްވާ މިފަދަ އިޖްތިމާޢީ ހަރަކާތްތަކަކީ ހަމައެކަނި ގުޅުން ބަދަހިކުރުމުގެ ނިޔަތުގައި ކޮށްލާ ކަމެއްގެ ބަދަލުގައި، މިފަދަ ހަރަކާތްތަކަކީވެސް ތިމާވެއްޓާ ވީހާވެސް ރަށްޓެހި ހަރަކާތްތަކަށް ވާންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ބޮޑެތިވަމުން އަންނަ ކުދިންނަށްވެސް އިޖްތިމާޢީ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިވުމާއި، ތިމާވެއްޓާ ރަށްޓެހި އާދަތަކަށް އަހުލުވެރިކުރުވުން މުހިއްމުކަމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވިއެވެ.

2.7 ކިލޯ މީޓަރުގެ މި ދުމުގައި އަމީނިއްޔާ ސްކޫލުގެ އިހުގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުންނާއި، އެ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން އަދި މެނޭޖްމަންޓުގެ ސްޓާފުން ހިމެނޭހެން 2500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ޕީ،އެސް.އެމް ނިއުސްއާއި ވާހަކަދެއްކި އަމީނިއްޔާ ސްކޫލުގެ ބައެއް އިހުގެ ދަރިވަރުން ވަނީ މިފަދަ ހަރަކާތެއްގެ ތެރެއިން އެކުގައި ކިޔަވަން އުޅުނު ކުދިންނާއި ޓީޗަރުން އެއްތަނަކުން ބައްދަލުވުމުގެ ފުރުޞަތު ލިބި، އުފާވެރި ހަނދާންތަކެއް ގެނުވާކަން ފާހަގަކޮށްފައެވެ.


އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ހަރަކާތުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގެ ފަރާތުން ވަނީ މި ދުވުން ފުރިހަމަ ކުރި ބައިވެރިންނަށް ޙާއްސަ މެޑަޔެއްވެސް ހަދިޔާކޮށްފައެވެ. މިއީ ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައިވެސް އިޖްތިމާޢީ ރޫޙު އާލާކުރުމަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެއްކަން މި ދުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

1944 ވަނަ އަހަރު ހުޅުވި އަމީނިއްޔާ ސްކޫލަކީ އަންހެން ކުދިންނަށް ޙާއްސަކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ ސްކޫލުވެ. 2011 ވަނަ އަހަރާއި ހަމައަށް އަންހެން ކުދިންނަށް ކިޔަވައިދޭ ޙާއްސަ ސްކޫލެއްގެ ގޮތުގައި އޮތުމަށްފަހު، މިހާރު އެ ސްކޫލުން އަންނަނީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށްވެސް ތަޢުލީމު ފޯރުކޮށްދެމުންނެވެ. އެ ސްކޫލަށް 75 އަހަރު ފުރޭނީ މި އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އަމީނިއްޔާ ސްކޫލުގައި މިހާރު 2380 ދަރިވަރުން އަންނަނީ ތަޢުލީމު ޙާޞިލުކުރަމުންނެވެ.