ވިޔަފާރި

ކުރިން ހުއްދަ ނަގާފައިވާ ނައިޓްމާކެޓުތައް ކުރިއަށްދާނެ - ސިޓީ ކައުންސިލް


އަންނަ ސެޕްޓެމްބަރު މަހުގެކުރިން ބޭއްވުމަށް ހުއްދަ ނަގާފައިވާ ނައިޓް މާކެޓުތައް ކަނޑައަޅާފައިވާ ތާރީޚުތަކުގައި ބޭއްވޭނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ކަނޑައެޅީ ނައިޓް މާކެޓް ބާއްވާ އުސޫލަށް ބަދަލުގެނައުމާއި ގުޅިގެން ކުރިން ހުއްދަ ނަގާފައިވާ ނައިޓް މާކެޓްތައް ނުބޭއްވިދާނެތީ އެފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ސިޓީ ކައުންސިލުން ކުރިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު އެކި މުނާސަބާތަކާއި ގުޅިގެން ބޭއްވެއެވެ. އެގޮތުން މީގެ ކުރިން އަޟްހާ ޢީދުދުވަސް، ފިތުރު ޢީދުދުވަސް، ރާއްޖެއިސްލާމްވީ ދުވަސް، ކީރިތިރަސޫލާގެ ޢީދުމީލާދު ދުވަސް، މިނިވަން ދުވަސް، ޤައުމީ ދުވަސް، ޖުމްހޫރީ ދުވަސް، މީލާދީ އާ އަހަރުފެށޭ ދުވަސް، ހިޖްރީ އާ އަހަރުފެށޭ ދުވަސް، މަސައްކަތްތެރިންގެ ދުވަސް، ނަސްރުގެ ދުވަހުގެ އިތުރުން ޝަޢުބާން މަހުގެ ތެރޭގައި ނައިޓް މާކެޓް ބޭއްވެއެވެ.

ނަމަވެސް ސިޓީ ކައުންސިލުން ފަހުން ވަނީ މި އުސޫލަށް ބަދަލުގެނެސް އަހަރަކު ދެފަހަރު ނައިޓްމާކެޓް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން ކަނޑައެޅީ ރަމަޟާން މަހުގެ ކުރީ ކޮޅާއި ބޮޑު ޗުއްޓީ ދުވަސްވަރު އެކަނި ނައިޓް މާކެޓް ބޭއްވޭގޮތަށެވެ.

ސިޓީ ކައުންސިލުން ބުނީ ކުރީގެ އުސޫލުގެ ދަށުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގިނަ ނައިޓްމާކެޓްތަކެއް ބޭއްވުމަށް ބަޔަކު ހުއްދަ ނަގާފައިވާކަމަށާއި، އެ ހަރަކާތްތައް ކުރިއަށްދާނެކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމުގެ ފުރުސަތު ކައުންސިލުން ދޭނީ ކުރިން ހުއްދައަށް އެދިފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. އެގޮތުން 2 ޖުލައިގެ ނިޔަލަށް ހުއްދައަށް އެދިފައިވާ ފަރާތްތަކަށް ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނައިޓް މާކެޓްތައް ބޭއްވޭނެކަމަށް ސިފާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ފަރާތްތަކުން އެބަތިބި އެކި މިނިސްޓްރީތަކާއި އަދި އެޗްޑިސީގެ ހުއްދައާއި އެކު ނައިޓްމާކެޓް ބޭއްވުމަށް ތައްޔާރުވެފައި. އެހެންކަމުން މިފަރާތްތަކުން މިގޮތަށް ތައްޔާރީތައް ވެފައިއޮތްވާ މިގޮތަށް ކަންތައް ކުރުމަކީ އެބޭފުޅުންނަށް ރަނގަޅުކަމަކަށް ނުވާނެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީން ޖުލައިން ސައްބީހުގައި މާކެޓްގައި ބާއްވަން އެދޭ ފަރާތްތަކަށް ބޭއްވޭނެ ފުރުސަތު އޮތް ވާހަކަ ދަންނަވާލަން." މޭޔަރ ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ނައިޓް މާކެޓްތައް ބޭއްވުމަށް ރޯދަމަހުގެ ކުރީ ކޮޅާއި ބޮޑު ޗުއްޓީ ދުވަސް ކަނޑައަޅާފައިވީ ނަމަވެސް ރަސްމީގޮތެއްގައި ކައުންސިލުން މި ދުވަސްތައް އަދި އިޢުލާންކޮށްފައެއް ނުވެއެވެ. އެހެންކަމުން ވަރަށް އަވަހަށް މިއުޞޫލު ގެޒެޓްކުރައްވާނެކަމަށް ސިފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނައިޓް މާކެޓްތައް ބާއްވާނެ ވަކި ދުވަސްތަކެއް ކަނޑައަޅާފަ އިޢުލާންކުރާނަން. އެއަށްފަހު އަޅުގަނޑުމެން އިތުރު ނައިޓްމާކެޓްތައް ބޭއްވުމަށް ހުށަހަޅާ ސިޓީތައް ބަލައިގަންނާނަން." މޭޔަރ ސިފާ ވިދާޅުވިއެވެ.

މިމަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ހުއްދަ ނަގާފައިވާ ނައިޓްމާކެޓްތައް ތާވަލާއި އެއްގޮތަށް ކުރިއަށްގެންދެވޭނެކަމަށް ސިޓީ ކައުންސިލުން ބުނާއިރު މިހާރުވެސް ގާތްގަނޑަކަށް 5 ނައިޓްމާކެޓެއް މާލެއާއި ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.