ސިޔާސީ

ސޫރިޔާގައި ތިބި ދިވެހިން ރާއްޖެ ގެނެސް އެމީހުން ރިހެބިލިޓޭޓްކުރާން ވަނީ ނިންމާފައި - ރައީސް


ފިލައިގެން ސޫރިޔާއަށް ހަނގުރާމައަށްގޮސް ޙާލުގައި ޖެހިފައިވާ ދިވެހިން ރާއްޖެގެނެސް އެމީހުން މުޖުތަމަޢަށް އަލުން ނެރުމުގެ ކުރިން ރިހިބިލިޓޭޓްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޓެރަރިޒްޓް ބައެއް ޖަމާޢަތްތަކާ ބައިވެރިވެ ފިލައިގެން ސޫރިޔާއަށް ދިޔަ ބައެއް ދިވެހިން މިހާރު ޙާލުގައިޖެހިފައިވާކަމަށެވެ. އައިސިސްފަދަ ޓެރަރިސްޓު ޖަމާޢަތްތައް ސޫރިޔާގައި ބަލިވުޟާއެކު އެޖަމާޢަތްތަޚާ ގުޅުނު ބައެއް ދިވެހިން މިހާރު ތިބީ އެ ޤައުމުގެ ކޭމްޕު ތަކެއްގައިކަމަށާ، އެއީ އެއްވެސް ޤައުމަކުން ބާރު ހިނގާ ތަންތަން ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސޫރިޔާގައި ތިބި މީހުން މިހާތަނަށް އަބަދުވެސް މުޢާމަލާތްކުރަނީ އެމީހުންގެ ޢާއިލާތަކާކަމަށާ، ސަރުކާރާ އެމީހުންނާ ނުގުޅޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ސޫރިޔާގައި ޙާލުގައި ޖެހިފައިވާ ދިވެހިން، ތިބިކަމުގެ މަޢުލޫމާތު ސަރުކާރަށް ލިބިފައިވާކަމަށާ، އެމަޢުލޫމާތުތަކާ ގުޅިގެން އެފަރާތްތަކުގެ ޢާއިލާތަކާ ބައްދަލުކޮށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސޫރިޔާގައި ތިބި ދިވެހިންގެ މަޢުލޫމާތު ދުނިޔޭގެ އެކި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތައް މެދުވެރިކޮށް ކޮންމެވެސްވަރަކަށް ލިބިފައިވާކަމަށާ ނަމަވެސް ސޫރިޔާގައި ތިބި ދިވެހިންގެ އަސްލު ޢަދަދު އަދިވެސް ސަރުކާރަށް ނޭނގޭކަމަށްވެސް ރައީސް ވިދަޅުވިއެވެ. އަދި އެހެން ޤައުމަކަށްވެސް ދިވެހިންގެ އެޢަދަދު ނޭގޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައެއް ޤައުމުތަކުން އެތާތިބި މީހުން ކޮންމެސް ގޮތަކަށް އެބަގެންދޭ. އޭގެތެރޭގައި ސްމަގްލް ކޮށްގެން ގެންދާ ޤައުމުތައްވެސް އެބަހުރި. އެބަތިބި މަޖުބޫރު ހާލަތުގަ އެތަނަށް ގޮސްފަ ތިބި މީހުންވެސް. އަޅުގަނޑުމެން ޔޫއެންގެ ޔޫއެންއެޗްސީއާރާއި ބައެއް ޖަމާޢަތްތަކާއި ގުޅިގެން ސީރިޔާގަ ތިބި ދިވެހިން އަންހެންވެރިންނާއި ކުޑަކުދިން ގެނައުމަށް މަސައްކަތްކުރަނީ. އެއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސޫރިޔާގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާ، އެމަސައްކަތް ކުރަނީ އދ.އާއި އެނޫންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅިގެންކަމަށެވެ.

ހަނގުރާމއަށް ގޮސްފައިތިބި ބަޔަކު ގެނެސް މުޖުތަމަޢުއަށް ދޫކޮށްލުމަކީ އޭގެ ނުރައްކާ މުޖުތަމަޢަށް ކުރާނެކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމީހުން ގެނެސް ބައިތިއްބާނެ ތަނެއް މިޙާރު ހަދަމުންދާކަމަށެވެ. އަދި އެމީހުން ރިހެބިލިޓޭޓް ކުރަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ އެމީހުން ގެނެވޭނެގޮތެއްބަލާ ގެނެވެން އޮތް އެންމެ އަވަހަށް ގެނައުމުގެ މަސައްކަތް އެބަގެންދަން. އަދި ޔޫއެންއިންވެސް ޔޫއެންއެޗްސީއާރުންވެސް އެހެން ޤައުމުތަކުންވެސް ބުނަނީ އެމީހުން ގެނެސް މުޖުތަމަޢުން ދޫކޮށްލުމަކީ މުޅި މުޖުތަމަޢުއަށް އޮތް ނުރައްކަލެއްކަމަށް. އަޅުގަނޑު ހިތުން ތިބޭފުޅުންވެސް ޤަބޫލުކުރައްވާނެ. އެހެންވީމަ އެމީހުން ރާއްޖެ ގެނެސް ޑީރެޑިކަލައިޒްކުރަންޖެހޭ. އަދި އެމީހުންނަށް ވަރަށް ބޮޑަށް ކިޔައިދީ އޮޅުންފިލުވައިދީ މުޖުތަމަޢަށް ނެރުމުގެ ކުރިން ކުރަންޖެހޭކަންކަން އެބަހުރި. އަޅުގަނޑުމެން މިދަނީ އެމީހުން ބައިތިއްބާނެ ތަނެއްހަދާ މީހުން ޓްރެއިންކުރަމުން. ޔޫއެންގެ ކަމާބެހޭ ފަރާތްތަކާއު ގުޅިގެން އެ ކޭމްޕުން އެމީހުން ނެރެ އަޅުގަނޑުމެންގެ ބާރު ހިނގާ ނުވަތަ ގުޅުން ހިނގާތަނަކަށް ގެންގޮސް ރާއްޖެ ގެނައުމުގެ މަސައްކަތްކުރަމުން ދަނީ." ރައީސް ވިދާޅުވިއެވެ.

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަގައި ބައިވެރިވުމަށް ގިނަ ޢަދަދެއްގެ ބަޔަކު ގޮސްފައިވާއިރު އެމީހުން ރާއްޖެ ގެނައުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުންވެސް ވަނީ ހާމަކުރައްވާފައެވެ.