ސިޔާސީ

ހަމަނުޖެހުމަށް އެއްވެސް ޖާގައެއް ނުދޭނަން - ރައީސް


ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ކުރާއް އެއްވެސް ކަމަކަށް މިސަރުކާރުން ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ސުލްހައާއި އަމާންކަން ރާއްޖޭގައި ޤާއިމްވެފައި އޮތުންކަމަށެވެ. އަދި ތަރައްޤީއާއި އިންވެސްޓްމަންޓްތަކަށްޓަކައިވެސް، ބޭނުންވާ އެންމެ މުހިންމުކަމަކީވެސް ރާއްޖޭގައި ހަމަޖެހުން އޮތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް، ކުރާ އެއްވެސްކަމަކަށް މިސަރުކާރަކުން ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެފައި. އަދި ރާއްޖޭގެ މިނިވަންކަމާއި، ސުލްހަ ގެއްލޭފަދަ އެއްވެސްކަމަކަށް ޖާގަ ނުދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ޚިދުމަތްކުރަންކަން ފާހަގަކުރައްވައި ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތަކީ ސުލްހަ ޤާއިމްކޮށް ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދިނުންކަމަށެވެ.

"ޢާންމު ރައްޔިތުންނަށް ފަސޭހައިން ހަމަޖެހިލައިގެން ދިރިއުޅެވޭނެކަމުގެ ޔަޤީންކަން އެބައޮންނަންޖެހޭ. އިރާދަކުރެއްވިއްޔާ އެޔަޤީންކަން ރައްޔިތުންނަށްވެސް އަދި ވިޔަފާރިވެރިންނަށްވެސް އޮތްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، ހ.ހާޖަރާގެ ޢަބްދުﷲ ލުޠުފީ ދިވެހި އެމްބަސީގައި ހުރިކަން ސަރުކާރުން ސިއްރުކުރިކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، އެކަމާގުޅިގެން އައްޑުއުފުލަން ނިންމާފައެވެ.