ކުޅިވަރު

13 ގަނޑިއިރުގެ ދަތުރަކަށްފަހު ވޮލީ ޓީމް ސަރބިޔާއަށް ހިނގައްޖެ


13 ގަނޑިއިރުގެ ދަތުރަކަށްފަހު ގައުމީ ފިރިހެން ވޮލީ ޓީމް ސަރބިޔާއަށް ހިނގައްޖެ އެވެ. ޤައުމީ ފިރިހެން ވޮލީ ޓީމް ސަރބިޔާއަށް ގޮސްފައިވަނީ މިމަހުގެ 17ވަނަ ދުވަހު މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުންނެވެ. ރޭ 10:00 ޖެހިއިރު ފެށި މިދަތުރުގައި އެންމެ ފުރަތަމަ ޤައުމީ ޓީމް ދިޔައީ މާލެއިން 8 ގަނޑިއިރުގެ ދަތުރަކަށްފަހު އިސްތަންބޫލަށެވެ. އިސްތަންބޫލްގައި ތިން ގަނޑިއިރު މަޑުކުރުމަށްފަހު ސާބިޔާގެ ބަލްގްރޭޑަށް ދެވުނީ ދޮޅު ގަނޑިއިރުގެ ދަތުރަކަށްފަހުގައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ ޓީމް ސަރބިޔާގައި މިކުރާ ކޭމްޕްގައި 7 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. މި 7 މެޗްގެ ތެރެއިން ކުވެެއިތުގެ ގައުމީ ޓީމާއެކުވެސް މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ބަލްގްރޭޑަށް އައުމަށްފަހު ޤައުމީ ވޮލީ ޓީމްވަނީ ވޮލީއަށް ހާއްސަ ސްޕޯޓްސް ކޮންޕްލެކްސް ބަލާލާފައެވެ. އަދި އެކޮމްޕެކްސްގައި ހުރި ވަސީލަތްތަކާއި ތަމްރީން ކުރުމަށް ބޭނުންކުރާ ކޯޓްއާއި ޖިމްވެސް ވޮލީ ޓީމް ބަލާފައިވެއެވެ.

މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕްގައި ކޭމްޕް ކުރާ ފުރަތަމަ ފަހަރެވެ. ޤައުމީ ވޮލީ ޓީމްގެ ކޯޗް މުހައްމަދު ސާޖިދު ބުނީ މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ލިބުނު ވަރަށް ރަގަނޅު ކޭމްޕެއްކަމަށެވެ. އަދި ވޮލީގެ ގަދަބާރެއްކަމަށްވާ ސަރބިޔާފަދަ ގައުމެއްގައި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ތަމްރީން ހަދަން ލިބުމަކީވެސް ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއްކަމަށް އެނާ ބުންޏެވެ.

ސަރބިއާގެ ފަރިތަކުރުންތަށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ސާޖިދުވަނީ މިފަދަ ކޭމްޕެއް ހަމަޖައްސައިދިނުމުން ސަރުކާރަކާށާއި ހާއްސަ ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

މިކޭމްޕަށް ވޮލީ ޓީމް ފުރުމުގެ ކުރިން ރޭގަައި މުލިއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙުވަނީ ޓީމއި ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެ.