ތަޢުލީމު

އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް މިއަހަރު އައްޑޫ ސިޓީގައި


އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މިއަހަރު އައްޑޫ ސިޓީގައި ބާއްވަން ނިންމައިފިއެވެ.
ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީން ކޮންމެ 2 އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްއަކީ ޓީޗަރުންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. އެގޮތުން މިއީ މިކޮންފަރެންސް ބާއްވާ 5 ވަނަ ފަހަރެވެ. މިފަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 4އިން 5 އަކަށެވެ.

ޓީޗަރސް ކޮންފަރެންސްއަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބް ވިދާޅުވީ މިފަހަރުގެ ކޮންފަރެންސް މާލޭން ބޭރުގައި ބޭއްވުމަށް ނިންމީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުންކަމަށެވެ. އަދި މިކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ އެކަޑަމިކް ފަރާތްތަކުންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށާ، އެފަރާތްތަކަށް ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު މިކޮންފަރެންސްގެ ތެރެއިން ދިނުމަކީވެސް މިފަހަރުގެ އެއްބޭނުންކަމަށް ޝަކީބް ވިދާޅުވިއެވެ.

އެން.އައި.އީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ޝުހުދާ ރިޒްވާން ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސް މައިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާމެދު ވަކިވަކި ޤައުމުތަކާއި ވަކިވަކި ފަރުދުން ދެކޭގޮތް ދެނެގަތުމަށް ކަމަށެވެ. މި ކޮންފަރެންސްގައި ރަޖިސްޓްރީވުމަށް ވަކި ފީއެއް ދައްކަންޖެހޭއިރު، ދިވެހި ޓީޗަރުންގެ ރަޖިސްޓްރޭޝަން ފީ، އެޑިއުކޭޝަން މިނިސްޓްރީން ސްޕޮންސަރކޮށްދެއްވާފައިވާކަމަށް ޝުހުދާ ވިދާޅުވިއެވެ.

5 ވަނަ ޓީޗާރސް ކޮންފަރެންސްގެ ޕާޓްނަރެއްގެގޮތުގައި އެން.އައި.އީއާއެކު އިންޑިއާގައި ހުންނަ، ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްއިންވެސް ބައިވެރިވާނެކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ. ޓީޗަރުންނަށް އަމާޒުކޮށްގެން ބާއްވާ މިކޮންފަރެންސްއަކީ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މެދުގައި ދިރާސާ ކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމަށާއި ޢިލްމީ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ފަރާތްތަކަށް ރާއްޖެ ހުޅުވާލުމަށް ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ. މިކޮންފަރެންސް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ހިއްސާކުރާނެ ޕްލެޓްފޯމެއް ހުޅުވައިދީ، ހުށަހެޅޭ ޢިލްމީ ދިރާސާތަކާއި މަސައްކަތްތަކުގެ އަލީގައި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ރަނގަޅު ބަދަލުތަކެއް ގެނެއުމަކީ މި ކޮންފަރެންސް ބޭއްވުމުގެ މުހިއްމު މަޤުޞަދެއްކަމަށް އެން.އައި.އީން ވިދާޅުވެއެވެ.