ކުޅިވަރު

ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި އަޅާފައިވާ ސްވިމިންގ ޕޫލް، ސްވިމިންގ އެސޯސިއޭޝަނާ ހަވާލުކުރެވޭނެ - ޔޫތް މިނިސްޓްރީ


ކުރިއަށްއޮތް ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އަޅާފައިވާ ސްވިމިންގ ޕޫލް، ސްވިމިންގ އެސޯސިއޭޝަނާ ހަވާލުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފި.

ސްވިމިންގ އެސޯސިއޭޝަނާއެކު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު ޢަލީ ވިދާޅުވީ، ސްޕޯޓްސް ކޮމްޕްލެކްސްގައި އަޅާފައިވާ ސްވިމިންގ ޕޫލް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގާތްގަނޑަކަށް ނިމި، މިހާރު އެއްބަސްވުމަކާ ހިސާބަށް އާދެވިފައިވާކަމަށެވެ. އަދި ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް، ސްވިމިން އެސޯސިއޭޝަނާ އެ ޕޫލް ހަވާލުކުރެވޭނެ ކަމަށްވެސް އައްސަދު ވިދާޅުވިއެވެ.

"ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގަ އޮތް ޕޫލް ހޯދުމުގެ މަސައްކަތް މިހާރު އޮތީ ގާންގަނޑަކަށް ނިމިގަ. އަޅުގަނޑުމެން މި ބަލަނީ ކުރިއަށްއޮތް ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއެ ކުރެވޭނެ ކަމަށް، ދައްކަންޖެހޭ ލާރިވެސް މިިހާރު އޮތީ ޑީލްއަކަށް އާދެވިފައި." އައްސަދު އަލީ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވީ، ސްޕޯޓްސް ކޮންމްޕްލެކްސްގައި އަޅާފައިވާ ސްވިމިންގ ޕޫލްގެ މަސައްކަތަކީ މިދިޔަ ސަރުކާރުން ހިންގި ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް ޕޫލް އެސޯސިއޭޝަނާ ހަވާލުނުކުރެވި ލަސްވީ، ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުންކަމަށެވެ. އަދި އެ ތަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރުގެ ހޭދައެއް ކުރަންޖެހުނު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރެވުނުހާ އަވަހަކަށް އެތަން ސްވިމިންގ އެސޯސިއޭޝަނާ ހަވާލުކުރާނެ ކަމަށާއި، އެ ހިސާބުން ޕޫލް ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ސްވިމިންގ އެސޯސިއޭޝަނުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެއީ ކުރީ ސަރުކާރުން ހިންގި ޕްރޮޖެކްޓެއް، އެކަމް އަޅުގަނޑުމެންނަށް ޖެހުނީ ލާރި ދައްކާ މަައްސަލަ ނިންމަން، ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު ޚަރަދުވި އެ މަސައްކަތަށް، އަޅުގަނޑުމެން އެތަން ލިބޭއިރަށް ސްވިމިންގ އެސޯސިއޭޝަނާއި އެތަން ހަވާލުކުރާނަން، އޭގެފަހުން އެތަން ބަލަހައްޓަވާނީ އެބޭފުޅުން." މިނިސްޓަރ މަޙްލޫފް ވިދާޅުވެއެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އަޅާފައިވާ ސްވިމިންގ ޕޫލްގެ ދިގުމިނަކީ ވިހި މީޓަރެވެ.