ސިޔާސީ

އިދިކޮޅު ހަރަކާތް ބާއްވަން ކާނިވާ ސަރަޙައްދު ދޫކޮށްފި


އިދިކޮޅު ފަރާތްތަކަށް ކާނިވާ ސަރަޙައްދުގައި މާދަމާރޭ ޖަލްސާއެއް ބޭއްވުމަށް ހުއްދައަށް އެދުމުން އެ ސަރަހައްދު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ދޫކޮށްފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީން ބުނީ ކާނިވާ ސަރަހައްދު އެޕާޓީއަށް ދޫކޮށްފައިވާކަމުގެ ހުއްދަ ޕްލޭނިން މިނިސްޓްރީން ދީފައިވާކަމަށެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދު ހޯދުމަށް އެދިފައިވަނީ މާދަމާރޭ އިރުއޮއްސި 06:00 އިން ދަންވަރު 12:00 އަށެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން މާދަމާރޭ ކާނިވާ ސަރަހައްދުގައި ބާއްވާ އެއްވުމުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވަޑައިގަންނަވާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިއީ ވެރިކަން ބަދަލުވުމަށްފަހު މިފަދަ ސިޔާސީ ހަރަކާތެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ފުރަތަމަ ފަހަރުއެވެ.

ސަރުކާރުގެ ބައެއް ކަންކަމަށް ފާޑުކިއުމަށް މާދަމާ ރޭ ހަރަކާތެއް ބޭއްވުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ހުއްދަދީފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ސިޔާސީ އެއްވުންތައް ބޭއްވުމަށް ދުރާލާ ހުއްދައަށް އެދެންޖެހޭ ގޮތަށް ޤާނޫނަށް އިޞްލާހު ގެނެސްފައިވެއެވެ. ނަމަވެސް އެއިރު އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް އެދުމުންވެސް ސަރުކާރުން އެއްވެސް ސަރަހައްދެއް ދޫކޮށްފައި ނުވާކަމުގައި ޝަކުވާތައް އޭރުގެ އިދިކޮޅު ފަރާތަކުން ވަނީ ކޮށްފައެވެ.