ވިޔަފާރި

ގައުމީ މަޢުރަޒުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި


ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މަޢުރަޒުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ސެޕްޓެމްބަރުމަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މަޢުރަޒުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު ޖޫންމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒް އިންތިޒާމްކުރާ އިކޮނޮމިކް މިނިސްޓްރީން ބުނީ މަޢުރަޒުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު އިތުރުކުރަން ނިންމީ ގިނަ އަދަދެއްގެ ބަޔަަކު އަދިވެސް މައުރަޒުގައި ބައިވެރިވުމަށް އެދެމުންދާތީކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ޒާމިރު ވިދާޅުވީ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ތަފާތު ކެޓަގަރީތަކުން ތަކެތި ފެނިގެންދާނެ ކަމަށެވެ.

" އަތްތެރި މަސައްކަތްތަކާއި، ދިވެހިވަންތަ އުފެއްދުންތަކުގެ އިތުރަށް ފަހުގެ ސޮޕްޓް ވެއަރތަކާއި އެޕްލިކޭޝަންތަވެސް ބައިވެރިކުރުމުގެ ފުރުސަތު މިފަހަރު ހުޅުވާލާފައިމިވަނީ،" ޒާމިރު ވިދާޅުވިއެވެ.

މައުރަޒުގައި ޖުމްލަ 6 ދާއިރާއަކުން ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ދާއިރާތަކުގެ ތެރޭގައި ވަކިވަކި ފަރުދުންގެ ދާއިރާއާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން ތަޢުލީމު ދޭ މަރުކަޒުތަކުގެ ދާއިރާއާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ އިތުރުން ކްލަބު ޖަމިއްޔާތަކުގެ ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުންކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދީ، ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަކީވެސް މަޢުރަޒުގެ މަޤްޞަދެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުންނާއި ރަށްރަށުގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.