ވިޔަފާރި

ދިވެހި ޕާސްޕޯޓް - ދެކުނު އޭޝިޔާ ސަރަޙައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓް


ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، ވިސާއަކާ ނުލާ އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވެނީ ދިވެހިންނަށްކަމަށް ބައިނަލްއަޤްވާމީ ރިޕޯޓަކުން ދައްކައިފިއެވެ.

ޕާސްޓްޕޯޓް ބޭނުންކޮށްގެން ވިސާއާ ނުލާ އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓްތަކުގެ ލިސްޓުން މިސަރަޙައްދުގެ އެއްވަނަ ދިވެހި ޕާސްޕޯޓަށް ލިބިފައިވާއިރު، މިއީ އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލާފައިވާ ލިސްޓެކެވެ.

"ހެންލީ ޕާސްޕޯޓް އިންޑެކްސް" ގެ ނަމުގައި ނެރޭ މިލިސްޓަކީ ގެންގުޅޭ ޕާސްޕޯޓްގެ ސަބަބުން ކުރިއާލާ ވިސާ ނުނަގައި އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޤައުމުތަކުގެ ލިސްޓެކެވެ.

199 ޤައުމު ހިމެނޭ މިލިސްޓުން ރާއްޖެއަށް 62 ވަނަ ލިބިފައިވާއިރު، "ހެންލީ ޕާސްޕޯޓް އިންޑެކްސް"ގައިވާ ގޮތުން ރާއްޖޭގެ ޕާސްޕޯޓް ބޭނުންކުރާ ފަރާތްތަކަށް 84 ޤައުމަކަށް ވިސާއާ ނުލާ ދަތުރުކުރެވެއެވެ.

ރާއްޖެއަށް މިލިސްޓުން 62 ވަނަ ލިބިފައިވާއިރު، ރާއްޖެއާ އެންމެ ކައިރިން ވާދަކުރާ ދެކުނު އޭޝިޔާގެ ޤައުމަކީ އިންޑިއާއެވެ. އިންޑިއާއަށް މިލިސްޓުން ލިބިފައިވަނީ 86 ވަނައެވެ. ދިވެހިންނަށް 84 ޤައުމަކަށް ވިސާއާ ނުލާ ދެވޭއިރު، އިންޑިއާ ރައްޔިތުންނަށް ވިސާއާ ނުލާ ދެވެނީ 58 ޤައުމަކަށެވެ. ސްރީލަންކާއަށް ލިސްޓުގެ 99 ވަނަ ލިބުނުއިރު، އެޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލާ ދެވެނީ 42 ޤައުމަކަށެވެ.

"ހެންލީ ޕާސްޕޯޓް އިންޑެކްސް" ލިސްޓުގެ އެންމެ އެއްވަނަ މިއަހަރު ލިބިފައިވަނީ ޖަޕާނާއި ސިންގަޕޫރަށެވެ. އެޤައުމުތަކުގެ ރައްޔިތުންނަށް ވިސާއާ ނުލާ، 189 ޤައުމަކަށް ދަތުރުކުރެވެއެވެ. މިލިސްޓުގެ އެންމެ ފުލުން ޖާގަ ހޯދާފައިވަނީ ސޯމާލިއާ، ޕާކިސްތާން، ސީރިއާ، އިރާޤް އަދި އަފްޣާނިސްތާނެވެ. އެޤައުމުތަކުގެ ރައްޔިތުންނަށް ވިސާއާ ނުލާ ދަތުރުކުރެވެނީ ތިރީހަށްވުރެ މަދު ޤައުމަކަށެވެ.