ކުޅިވަރު

އައިއޯއައިޖީގެ އެންމެ ފަހުގެ ތައްޔާރީތަކަށް، ޤައުމީ ޓީޓީ ޓީމް އިންޑިޔާއަށް ފުރައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށް، ޤައުމީ ޓީޓީ ޓީމް އިންޑިޔާއަށް ފުރައިފިއެވެ.

އިންޑިޔާއަށް ފުރާފައިވަނީ ފިރިހެން4 ކުޅުންތެރިންނާއި އަންހެން 4 ކުޅުންތެރިންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވާ ޤައުމީ ޓީޓީ ޓީމް މުބާރާތުގެ ކުރިން އިންޑިޔާގެ ނިއުދިއްލީގައި ނުވަ ދުވަހު ތަމްރީން ހަދާނެއެވެ. މި ތަމްރީން ދަތުރާ ގުޅޭގޮތުން ވާހަކަދައްކަމުން ޤައުމީ ޓީޓީ ޓީމްގެ މެނޭޖަރ ޖާދުﷲ ޙަސަން ބުނީ، އިންޑިޔާގެ ކޯޗާއެކު ޓީމުން ކުރިއެރުން ހޯދާފައިވާކަމަށާއި، މި ދަތުރަކީ އައި.އޯ.އައި.ޖީއަށް ތައްޔާރުވުމުގެ ފަހު މަރުހަލާކަމަށެވެ.

މި ދަތުރުގައި އެކި ސްޓައިލްތަކުގެ ކުޅުންތެރިންނާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެލަން ލިބޭނެކަމަށްވެސް އޭނާ ބުނެފިއެވެ. އިންޑިޔާގެ ޕިނެކަލް އެކަޑެމީގެ ކުޅުންތެރިންތަކެއް ވަނީ، ޖޫން މަހު ރާއްޖެ އައިސް، ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއްވެސް ކުޅެފައިއެވެ. މި މެޗުތަކުންވެސް ޓީމަށް އައިސްފައިވާ ކުރިއެރުން ފެނުނުކަމަށް މެނޭޖަރ ބުނެފިއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމްގެ އަމާޒަކީ ރަން މެޑަލް ހޯދުމެވެ. އަދި ފިރިހެން ޓީމްގެ އަމާޒަކީ މުބާރާތުގެ ޓީމް އިވެންޓްގެ ފައިނަލުގައި ވާދަކުރުންކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތުދިނެވެ.