ކުޅިވަރު

ޤައުމީ ބެޓްމިންޓަން ޓީމްގެ ކިޓް، މިނިސްޓަރ މަހުލޫފަށް އަރުވައިފި


ޤައުމީ ބެޓްމިންޓަން ޓީމްގެ ކިޓް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙުމަދު މަހުލޫފަށް އަރުވައިފިއެވެ.

މިނިސްޓަރަށް މި ކިޓް އަރުވާފައިވަނީ، މި މަހުގެ 17ވަނަ ދުވަހު މޮރިޝަސްގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ބެޑްމިންޓަން ޓީމް ކުރައްދަމުން ގެންދަވާ މަސައްކަތަށް، މިނިސްޓްރީންނާއި، ޚުދު މިނިސްޓަރު އަމިއްލަފުޅަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

އައި.އޯ.އައި.ޖީއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ މަހު، ޤައުމީ ބެޑްމިންޓަން ޓީމް ވަނީ، މޮރިޝަސް ބެޑްމިންޓަން އިންޓަރނޭޝަނަލް ސީރީޒް މުބާރާތުގައި ބައިވެރިވެރިވިއެވެ.
އަދި 2012 ވަނަ އަހަރު، ދެކުނު ކޮރެއާގެ ޤައުމީ ބެޑްމިންޓަން ޓީމަށް އިރުޝާދު ދީފައިވާ ސުން ހަން ކުކް އާއި ދެކުނު ކޮރެއާގެ ބެޑްމިންޓަންގައި އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވަރސިޓީގެ 4 ކުޅުންތެރިންވަނީ ރާއްޖެ އައިސް، ޤައުމީ ބެޑްމިންޓަން ޓީމާއެކު މަސައްކަތްކޮށްފައިއެވެ.

ގައުމީ ބެޓްމިންޓަން ޓީމް ސްޕޮންސަރކޮށްފައިވަނީ ލި-ނިންގްއިންނެވެ. ލި-ނިންގްއަކީ ބެޑްމިންޓަންގައި ދުނިޔޭގެވެސް މަޝަހޫރު ބްރޭންޑެކެވެ. ބެޑްމިންޓަންގައު ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރެއިން، ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމް ލި-ނިންގްއިން އެންމެ ފުރަތަމަ ސްޕޮންސަރކޮށްފައިވަނީ 2010ވަނަ އަހަރުއެވެ. މި ސްޕޮންސަރޝިޕްގެ ދަށުން ކޮންމެ އަހަރަކު ދެ ފަހަރު ކުޅުންތެރިންނަށް ފުލް ކިޓް ލިބެއެވެ. އެއީ ރެކްޓާއި ބޫޓާއި ދަބަހާއި ފެންފުޅި، ތުވާލި އަދި ބެޑްމިންޓަން ކުޅުމަށް ބޭނުންވާ އެހެނިހެން ސާމާނުއެވެ.