ފަތުރުވެރިކަމާއި ގުޅޭގޮތުން އެކުލަވާލާ ފަސްވަނަ މާސްޓަރ ޕްލޭން މިމަހުގެ ތެރޭގައި އިފްތިތާޙުކުރުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މާސްޓަރ ޕްލޭންއަކީ ކޮންމެ ސަރުކާރަކުން ވެސް އެ ސަރުކާރެއްގެ ފަސް އަހަރުގެ ތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނާނެ ސިޔާސަތުތަކާއި ބަދަލުތަކާއި މިދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން ގެންނާނެ ހަރުދަނާ ބަދަލުތަކުގެ މައްޗަށް އެކުލަވާލާ ތަސައްވުރެކެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މާސްޓަރ ޕްލޭން މިމަހުގެ 30 ވަނަ ދުވަހު އިފްތިތާޙުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމާއި ގުޅޭ ހުރިހާ ކަމެއް ވަށާޖެހިގެންދާ މި ޕްލޭންގައި އެންމެ މުހިއްމު ކަމެއް ދީފައިވާނީ ދިވެހިންނަށް ވަޒީފާގެ ބާޒާރުގައި ގިނަ ފުރުސަތުތައް ހޯދައިދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ހަރުދަނާކުރުމާއި ވަކިން ޚާއްސަކޮށް ވަޒީފާގެ ބާޒާރުގައި އަންހެން މުވައްޒަފުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ކޮންމެ ކަމަކީ ވެސް ހަމަ ކުއްލިޔަކަށް ކުރެވޭނެ ކަންތައްތަކެއް ނޫން. ފިފްތު ޓޫރިޒަމް މާސްޓަރ ޕްލޭންގައި އަޅުގަނޑުމެން އަލިއަޅުވާލާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ހަރުދަނާކޮށް އިތުރަށް ރާއްޖޭގެ ރައްޔިތުން އިތުރަށް ކުރިއެރުވުމަށްޓަކައި ހުރި މައްސަލަތައް ހައްލުކުރާނަން. މިސާލަކަށް އަންހެން މުވައްޒަފުން- އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު އަންހެން މުވައްޒަފުންގެ އަދަދަކީ އެންމެ 7 އިންސައްތަ. އަޅުގަނޑު ދެކޭ ގޮތުގައި މީގަ ސަބަބުތަކެއް ހުންނާނެ. މިކަން އަޅުގަނޑުމެން ދެނެގަނެ ހައްލުކުރާނަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިފަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްވަންދެން މަސައްކަތްކުރި ފަރާތްތަކާއި ބޭރުގެ ކޮންސަލްޓެންޓުންނާއި މަޝްވަރާކުރުމަށްފަހުކަމަށެވެ.
'ފިފްތު ޓޫރިޒަމް މާސްޓަރ ޕްލޭން' މިމަހު އިފްތިތާޙުކުރާއިރު އެންމެ ފަހުން ޓޫރިޒަމްގެ މާސްޓަރ ޕްލޭން އެކުލަވާލީ 2013 ވަނަ އަހަރުއެވެ. މިފަހަރު އެކުލަވާލާ މާސްޓަރ ޕްލޭނާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގިނަ މައްސަލަތައް ހައްލުކުރެވިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.