ޚަބަރު

ޤަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދިޔަ 8 ގަޑިޔާއެއް ނަގައިފި


މާލޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 8 ގާޑިޔާއެއް ނަގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ސާފުތާހިރުކަން ކުޑަވުމާއި، ގިނަ އަދަދެއްގެ ބިދޭސީން ގާޑިޔާތަކުގައި ވިޔަފާރިކުރަން ތިބޭކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދަނީ ކޮންކޮން ގާޑިޔާތަކެއްތޯ ބަލައި ފިޔަވަޅު އެޅުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އެގޮތުން މިހާތަނަށް 8 ގާޑިޔާއެއް ނެގުމަށް އަންގާފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އަދި އެ ގާޑިޔާތައް ނަގާފައިވަނީ ދެފަހަރު މަތިން ނޯޓިސްވެސް ފޮނުވުމަށްފަހުކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ގާޑިޔާގެ ވިޔަފާރި ކުރުމުގެ ހުއްދަ ސަރުކާރުން ދެނީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދީ، ދިވެހިންނަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައެވެ. ނަމަވެސް ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް ގާޑިޔާތައް ބެހެއްޓުމާއި، އެކަމުގެ ނާޖައިޒް ފައިދާ ބައެއް ދިވެހިން ނަގައިގެން ބިދޭސީން ލައްވާ ބޮޑު ވިޔަފާރިއެއް ކުރަމުންދާކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބިފައިވާކަމަށް އެ ކައުންސިލުން މީގެ ކުރިންވެސް ބުނެފައިވެއެވެ.

ގާޑިޔާތަކުގައި ހުންނަންޖެހޭނެ މިންގަނޑުތަކާއި، ގާޑިޔާތައް ބެހެއްޓޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތް އެކަމަށް ޙާއްސަ ކޮމެޓީއަކުން ކުރަމުންދާކަމަށާއި، ވަރަށް އަވަހަށް އެކަންކަން އާއްމުކުރާނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.