ވިޔަފާރި

މަނަފަރު ރިސޯޓުގައި ދިމާވި ފަދަ މައްސަލައެއް ތަކުރާރުވިޔަކަ ނުދޭނަން


ހއ. މަނަފަރުގައި ކުއްލިގޮތަކަށް މުވައްޒަފުން ކަނޑާލުމާއި ގުޅިގެން ދިމާވި މައްސަލަ ރާއްޖޭގެ އެހެން އެއްވެސް ރިސޯޓެއްގައި ތަކުރާރު ނުވާނެކަމުގެ ޔަޤީންކަން މިނިސްޓަރ އަލީ ވަހީދު ދެއްވައިފިއެވެ.

މަނަފަރުގެ ބައެއް މުވައްޒަފުން ކުއްލި ގޮތަކަށް ކަނޑާލުމާއި ގުޅިގެން މިކަން ހައްލުކުރެއްވުމަށް މިނިސްޓަރ އަލީ ވަހީދު މަނަފަރަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ނުސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މިނިސްޓްރ ވިދާޅުވީ މި މައްސަލައަކީ މިއީ ރިސޯޓުގެ މެނޭޖްމެންޓާއި މުވައްޒަފުންނާއި ދެމެދު ރަނގަޅަށް މުޢާމަލާތް ނުކުރެވުމުން ބޮޑުވި މައްސަލައެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މައްސަލަތައް ނިންމުމަށް ޤާނޫނާއި ޤަވާއިދުގެ މަތިން އަމަލުކުރެވޭއިރު މިފަދަގޮތަކަށް މިކަން ދިއުމަކީ ހިތާމަ ކުރާކަމެއްކަމަށެވެ. ނަމަވެސް މިހާރު ރިސޯޓުގެ މެނޭޖްމެންޓާއި މުވައްޒަފުންނާއި ވާހަކަދައްކައިގެން މިކަން ހައްލުވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ..

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިފަދަ ކަންކަން ހައްލުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމަށާއި މިސަރުކާރުން މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަކަ ނުދޭނެކަމަށެވެ.

" ރެގިއުލޭޓަރީ މުޢައްސަސާއެއްގެ ހައިސިއްޔަތުން މިފަދަ ކަންކަން އަޅުގަނޑުމެންނަށް ހައްލުކުރެވޭނެ. ރާއްޖޭގެ ހާލަތު މިހާހިސާބަށް އައިސްފައި މިއޮތީ އޭސް އަ ރެގިއުލޭޓަރީ ބޮޑީ، މަސައްކަތް ނުކުރެވިގެން. އެނގިވަޑައިގަންނަވާނެ، ރިސޯޓެއްގައި ފަސް ދިވެހިން ތިބޭހިރު މިއީ ބަލަން ޖެހޭ ކަމެއްކަން. އިހުމާލުވެފައި އެބަހުރި. އަޅުގަނޑު ދަންނަވާލަން ބޭނުން އަޅުގަނޑުމެންނެއް ބޭނުމެއް ނޫން މި މައްސަލަ ތަކުރާރުވާކަށް. މިއީ ރިސޯޓަށް ވެސް އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ގެއްލުން ލިބޭނެ ކަމެއް. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާރުވެސް ރިސޯޓުތަކުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް އިންސްޕެކްޓް ކުރަމުންދާކަމަށެވެ. އަދި މި މަސައްކަތަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

" ސެޕްޓެމްބަރު މަހު ރާއްޖޭގައި ހުރިހާ ރިސޯޓެއް ގެސްޓުހައުސްއެއް، ސަފާރީ ހޮޓެލް، މިހުރިހާ ތަންތަން އިންސްޕެކްޓްކޮށް ނިމޭނެ. މިއަށް ފަހު ކޮންމެ ރަށެއްގައި، ރިސޯޓެއްގައި ހުރި މައްސަލަތައް އަޅުގަނޑުމެންނަށް ވަޒަން ކުރެވޭނެ. އެއަށްފަހު އަޅުގަނޑުމެން އެދެވޭ ބަދަލުތައް ގެންނާނަން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ދުބާޢީގެ ޖޭއޭ ގްރޫޕުން މަނަފަރުގައި ތަރައްޤީކޮށްފައިވާ ރިސޯޓުގެ 51 އިންސައްތައަކީ ދިވެހި މުވައްޒަފުންނެވެ. މަނަފަރުގެ މެނޭޖްމެންޓުން ދިވެހި 7 މުވައްޒަފަކު ކުއްލި ގޮތަކަށް ކަނޑާލަން ނިންމާފައިވީނަމަވެސް ރިސޯޓުގެ މެނޭޖްމެންޓުން ވަނީ މިކަން އަނބުރާ ގެންދަވާ މުވައްޒަފުން ވަޒީފާއިން ވަކި ނުކުރުމަށް ނިންމާފައެވެ.