ޚަބަރު

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ އިޤުރާރެއްގައި ފެނަކައިގެ މުވައްޒަފުން ސޮއިކޮށްފި


ސަރުކާރުގެ ޒިރޯ-ޓޮލަރެންސް ޓު ކޮރަޕްޝަން ސިޔާސަތަށް އެއްބާރުލުންދީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ އިޤުރާރެއްގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މިއަދު ސޮއިކޮށްފިއެވެ.
ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމުގެ އިޤުރާރުގައި ފެނަކައިގެ މުވައްޒަފުން ސޮއިކޮށްފައިވަނީ ޕޯޓް ކޮމްޕްލެކްސްގެ އިމާރާތުގައި މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ބޯޑު މެންބަރުންނާއި، އެޗޯޑީންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ މި އިޤުރާރުގައި ސޮއިކޮށްފައެވެ.

މި އިޤުރާރުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، ކޮރަޕްޝަނާ ގުޅުންހުރި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ސިޔާސަތަށް ފެނަކައިން ފުރިހަމައަށް ތާޢީދުކޮށް، އެކަމަށް އެކުންފުނިން އެއްބާރުލުންދޭނެކަމަށެވެ. އަދި މިއަދު ސޮއިކުރި މި ޤަރާރަކީ ރަމްޒީކަމެއްގެ ގޮތުގައިނުދެކި ޢަމަލީގޮތުން އެކަން ދެއްކުމަށް ފެނަކައިގެ ހުރިހާ މުވައްޒަފުންނަށް އަޙްމަދު ސަޢީދު މުޙައްމަދުވަނީ އިލްތިމާސްކުރައްވާފައެވެ.

ފެނަކައިގެ މުވައްޒަފުން މިއަދު ސޮއިކުރި އިޤުރާރު އެކުލަވާލާފައިވަނީ މައިގަނޑު 7 ކަމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަނާދެކޮޅަށް އެކަންކަމާމެދު ހޭލުންތެރިކުރުވައި އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް ފިޔަވަޅުއެޅުމާއި، މަޤާމުގެ މަސްއޫލިއްޔަތުތައް ނަޒާހަތްތެރިކަމާއެކު ކުރުންފަދަ ކަންކަން ހިމެނެއެވެ. މި އިޤުރާރުގައި ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ގޮފިތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.