ވިޔަފާރި

މަނަފަރު ރިސޯޓުގެ މުވައްޒަފުންނަށް އިންސާފު ހޯދުމަށް ޓުއަރިޒަމް މިނިސްޓަރ މަނަފަރަށް!


ހއ. މަނަފަރު ރިސޯޓުން ކުއްލިގޮތަކަށް މުވައްޒަފުންތަކެއް ކަނޑާލި މައްސަލަ ބަލައި މުވައްޒަފުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މަނަފަރު ރިސޯޓަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރގެ މިދަތުރަކީ މަނަފަރު ރިސޯޓުގެ މާލީ ހާލަތު ދަށްވުމާއި ގުޅިގެން ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކުއްލިގޮތަކަށް ކަނޑާލުމަށް ނިންމުމާއި ގުޅިގެން މިކަން ހައްލުކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ރިސޯޓުން މުވައްޒަފުން ވަކިކޮށްފައިވަނީ ރިސޯޓުގެ މާލީ ހާލަތު ދަށްވެގެންކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ހާލަތެއް ދިމާވިކަމުގައިވީނަމަވެސް ޤާނޫނާއި ޤަވައިދުގެ ދަށުން ކަންކަން ކުރަންޖެހޭނެކަމަށެވެ. އަދި ކުއްލިގޮތަކަށް މުވައްޒަފުންތަކެއް މިގޮތަށް ކަނޑާލުމަށް ނިންމުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ބެލެވޭތީ މިކަން ހައްލުކުރުމަށް މަނަފަރަށް ވަޑައިގެން މަނަފަރު ރިސޯޓުގެ މެނޭޖްމެންޓާއި ވާހަކަދައްކައި ރިސޯޓުގެ މެނޭޖްމެންޓަށް ވެސް އަދި މުވައްޒަފުންނަށް ވެސް ލިބެންޖެހޭ ފުރިހަމަ ހިމާޔަތް ހޯދައިދޭނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދަކާއެކު އައި ސަރުކާރެއް. ރައްޔިތުންގެ އަޑު އަހާނެ އަދި މުވައްޒަފުންގެ އަދި މެނޭޖްމެންޓުތަކުގެ ހައްޤުތައްވެސް ކަށަވަރުކޮށްދޭނެ. އަޅުގަނޑުމެންގެ މަޤްސަދަކީ ފަތުރުވެރިކަމަށް އެއްވެސް ބުރުލެއް ނާރައި ކުރިއަރައިގެންދިޔުން. މަނަފަރަށް ދިމާވެގެން މިއުޅެނީ ރިޑަންޑަންސީގެ ހާލަތެއް މެދުވެރިކަމަށް ވިދާޅުވެ މުވައްޒަފުން ކަނޑާލުމަށް ނިންމުން. އަޅުގަނޑުމެން ބަލަން ބޭނުން ރިޑަންޑަންސީގެ ހާލަތު އެބޭފުޅުން އަޅުގަނޑުމެންނަށް ކަށަވަރުކޮށްދިނުމަށް. އަޅުގަނޑުމެން ޤަބޫލުކުރާނެ ކަމެއް ނޫން މިއީ އިންސާފެއް ނެތް ގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ހއ. މަނަފަރުގައި ތަރައްޤީކޮށްފައިވާ ޖޭއޭ މަނަފަރު ރިސޯޓަކީ ދުބާޢީގެ ކުންފުންޏެއްކަމަށްވާ، ޖޭ.އޭ ގްރޫޕުން ހިންގާ ރިސޯޓެކެވެ.