ޚަބަރު

އަހަރުތަކަކަށްފަހު، އައްޑޫ ސިޓީން ބިން ދޫކުރަން ފަށައިފި


އައްޑޫސިޓީން ޢާއްމު ފަރާތްތަކަށް ބިން ދޫކުރުމަށް 2002ވަނަ އަހަރު ކުރި ޢިއުލާނެއްގެ ދަށުން ދޫކުރަން ނިންމި ބިންތަކުގެ ތެރެއިން މިހާތަނަށް ދޫނުކޮށްހުރި ބިންތައް އަލުން ދޫކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤު ވިދާޅުވީ އައްޑޫސިޓީ ހިތަދޫން ބިންދޫކުރުމަށް ކޮށްފައިވާ އިއުލާނާ އެއްގޮތަށް ބިން ދޫކުރުމުގެ މަސައްކަތް މިހާތަަނަށް ކުރެވިފައި ނުވާކަމަށެވެ. މިކަން ޙައްލުކުރުމަށް މިއަދު ބިން ދޫކުރަން ފަށާފައިވާއިރު ހިތަދޫގެ ފްލެޓް ސަރަހައްދާއި، ކޮންވެންޝަން ސެންޓަރު ސަރަހައްދުން ދޫކުރަން ނިންމާފައިވާ ބިންތައް ދޫކުރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި މިއަދު ބިންދޫކުރަން ފަށާފައިވާއިރު، ދިމާވެފައިވާ މައްސަލަތައް ހައްލުވާވަރަކަށް އެބިންތަކުގެ ވެރިފަރާތްތަކަށް އެކަން އަންގަމުން ދާނެއެވެ. އަދި ބިންތަކުގެ ވެރިފަރާތްތަކުން އެބިންތަކުގެ އިންވަކިކޮށް ޖަހަންޖެހޭ "ކަންމުޑި" ޖަހަން ވާނެކަމަށާއި، އަލުން އިންވަކި ކޮށް ދޭން ޖެހިއްޖެނަމަ އެކަމަށް އަގެއް ނެގުމަށް ނިންމާފައިވާކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫ ސިޓީން ޢާއްމު ފަރާތްތަކަށް މުޅިންއަލަށް ބިން ނުވަތަ ގޯތި ދޫކުރަން ނިންމާފައިވޭތޯ ޕީއެސްއެމް ނިއުސްއިން ސުވާލުދެންނެވުން އައްޑޫ ސިޓީގެ މޭޔަރު ވިދދާޅުވީ އަލށް ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށާ، އެންމެ އަވަހަށް އިއުއލާން ކުރާނީ ހުޅުމީދޫއިން ގޯތި ދޫކުރުމަށްކަމަށެވެ. އަދި އެސިޓީގެ އެހެން އަވައްތަކުންވެސް ގޯތިދޫކުރުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އޮތް ނިންމުމުގައި އޮތީ އަވައްތަކުން ބިން ހުރި މިންވަރަކަށް ގޯތި ދޫކުރުމަށް. މިހާރު މިދެންނެވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިދަނީ. ދެން އާންމު ބޭނުން ތަކަށް ބިން ބަހައްޓާފަ ބިން ހުރި މިންވަރަކުން އިއުލާން ކުރުމަށް ވަނީ ނިންމާފައި. ފުރަތަމަ އިއުލާން ކުރެވޭނީ ހުޅުދޫ އާއި މީދޫގައި. " މޭޔަރ ވިދާޅުވިއެވެ.

އައްޑޫސިޓީ އަށް ކުރިމަތި ވެފައިވާ ބިމުގެ މައްސަލަ ހައްލު ކުރުމަށް މަރަދޫ ބިން ހިއްކުމުގެ މަޝްރޫއު މިއަހަރު ސަރުކާރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން އައްޑޫގައި 1500 ހައުސިން ޔުނިޓް ޢިމާރަތްކުރުމަށް ނިންމާފައިވާކަންވެސް ސަރުކާރުން ވަނީ އިއުލާން ކުރައްވާފައެވެ.