ކުޅިވަރު

ސައުތް އެފްރިކާ އަތުން ބަލިވެ، ސްރީލަންކާ ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ


ކްރިކެޓް ވަރލްޑް ކަޕްގައި މުބާރާތުން ކަޓާފައިވާ ސައުތު އެފްރިކާއިން، ސްރީލަންކާގެ އުންމީދުތަކަށް ހުރަސްއަޅައިފި އެވެ.

ސްރީލަންކާއިން މުބާރާތުގެ ސެމީފަނަލަށް ކުރަމުންދިޔަ އުންމީދުތަކަށް ސައުތު އެފްރިކާއިން ހުރަސްއެޅީ، ލަންކާގެ މައްޗަށް ނުވަ ވިކެޓުން ކުރިހޯދައިގެން ނެވެ.

މެޗުގެ ޓޮސް ދިމާވުމުން ސައުތު އެފްރިކާއިން ނިންމީ އުކުމަށެވެ. އެ ގޮތުން ފުރަތަމަ އިނިންގްސްގައި ލަންކާއިން ކުޅެން އަރައި ސާޅީސް ނުވަ އޯވަރާއި ތިން ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވެގެން އެ ޓީމަށް ހެދުނީ 203 ލަނޑުން ނެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 29 ބޯޅައިން 30 ލަނޑު ހެދި އަވިޝްކާ ފެނާންޑޯ އެވެ.
މި އިނިންގްސްގައި ސައުތު އެފްރިކާއިން އެންމެ ރަނގަޅަށް އުކީ 25 ލަނޑަށް ތިން ވިކެޓު ނެގި ޑްވައިން ޕްރެޓޯރިއަސް އެވެ.

ޖަވާބުގައި ކުޅެން އަރައި ސައުތު އެފްރިކާއިން ވަނީ 37.2 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 206 ލަނޑު ހަމަކޮށް، މެޗު ކާމިޔާބުކޮށްފަ އެވެ.

އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 103 ބޯޅައިން 96 ލަނޑުހެދި ފްރާންސުއާ ދު ޕްލެއިސް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާ އެވެ.

މީގެ އިތުރުން އެޓީމުގެ ހާޝިމް އަމްލާ ވަނީ ނުބައި ނުވެ 105 ބޯޅައިން 80 ލަނޑު ހަދާފަ އެވެ.
މި ނަތީޖާއާއެކު، މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުޞަތު ސްރީލަންކާއަށް މި ވަނީ، ވަރަށް ބޮޑަށް ހަނިވެފައެވެ.