ކުޅިވަރު

ވެނަޒުއޭލާ ބަލިކޮށް އާޖެންޓީނާ ސެމީ ފައިނަލަށް


ވެނެޒުއޭލާ ބަލިކޮށް، ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދީ، ރޭ ވެނެޒުއޭލާ ދޭއް ސުމަކުން ބަލިކޮށްގެން ނެވެ.
ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި، ބައިލައްކަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުގައި އާޖެންޓިނާގެ ދެ ގޯލު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އަދި ޖިއޮވާނީ ލޮސެލްސޯ އެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެ އެވެ. މެޗަށްފަހު އާޖެންޓީނާގެ ކޯޗު ލިއޮނަލް ސަކަލޯނީ ބުނީ، ކެޕްޓަން މެސީއަށް ގޯލެއް ނުޖެހުނަސް، އޭނާ ދަނޑުމަތީގައި ހުރުމަކީ ހުރިހާ ކުޅުންތެރިންނަށްވެސް ލިބޭ ހިތްވަރެއްކަމަ ށެވެ.

މިދިޔަ ދެ މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރި އާޖެންޓީނާ މުބާރާތުގެ ސެމީ ފައިނަލުގައި ނިކުންނާނީ، ވާދަވެރި ބްރެޒިލާ ދެކޮޅަ ށެވެ.

ސެމީ ފައިނަލްގައި ބްރެޒިލާ ވާދަކުރަން ޖެހުމަކީ ޖެހިލުންވާންވީ ކަމެއް ނޫންކަމަށާއި، ބްރެޒިލްގެ ދަނޑުގައި ބްރެޒިލް ބަލިކޮށް ފައިނަލުން ފުރުޞަތު ހޯދުމަކީ އުއްމީދުކަމަށްވެސް ކޯޗު ބުންޏެވެ.