ޚަބަރު

ގަސްކާނާ އުފައްދަން ދަސްކޮށްދޭ ޕްރޮގްރާމެއްފަށަނީ


ގަސްގަހަށް އެޅުމަށް ބޭނުންކުރާ ކާނާ އުފައްދަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެއްޓުމަށް ހަމަޖެހިފައިވާކަމުގައި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އިން ހާމަކޮށްފިއެވެ.ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، އޯގަނިކް ކޮމްޕޯސްޓް އަދި ބަޔޯ ޕެސްޓިސައިޑް އުފެއްދުމާ ބެހޭ މައުލޫމާތުދީ އެތަކެތި އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކަމަށް އެންމެ އެކަށީގެންވާ ރަށެއްގައި އެ މިނިސްޓްރީގެ ފަރާތުން ޕްރޮގްރާމެއް ހިންގާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.އެ ޕްރޮގްރާމް އެރަށެއްގައި ހިންގައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި އެ ރަށެއްގައި ހަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށެއް ކަނޑައެޅުމުގައި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަރުގެ ބިމެއް އޮތުމާއި ކާނާ ތައްޔާރު ކުރުމަށް އެކަށީގެންވާ ކަހަލަ ތަކެތި ރަށުން ލިބެން ހުރި މިންވަރަށް ބަލާނެކަމަށެވެ. އަދި ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތާއި ދަނޑުވެރިކަމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ޕްލޭންކޮށްފައިވާ މިންވަރު އަދި ދަނޑުވެރިންނަށް ގަސްކާނާ ފޯރުކޮށްދިނުމަށް ރާވާފައިވާ ގޮތުގެ ހަރުދަނާ ކަމަށް ބަލާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފޯމް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވިއެވެ.