ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމްކުރުމަށް ގައުމީ ޔުނިވަރސިޓީން އިސްނަގައިގެން ކުރާ މަސައްކަތުގެ ތެރެއިން ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.މިބައްދަލުވުމުގައި މެޑިކަލް ސްކޫލް ގާއިމްކުރުމަށް ކުރަންޖެހޭ މުހިއްމު ކަންކަމާއި، އެމް.ބީ.ބީ.އެސްގެ މަންޙަޖު އެކުލަވާލުމަށް ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.މި ބައްދަލުވުމުގައި މެޑިކަލް ސްކޫލެއް ގާއިމްކުރުމާ ގުޅޭގޮތުން ބޭރުގެ ދެ ކޮންސަލްޓެންޓަކު މެދުވެރިކޮށް ހެދުނު ފީސިބިލިޓީ ސްޓަޑީގެ ރިޕޯރޓުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަން ހާމަކުރެވިފައިވާކަމަށް ޔުނިވަރސިޓީން ބުނެއެވެ. އެގޮތުން ރާއްޖޭގައި މެޑިކަލް ސްކޫލެއް ގާއިމްކުރުމަކީ ކުރެވިދާނެ ކަމެއްކަމެއްކަމަށާއި، އެކަން ކުރެވިދާނެ ތަފާތު އިޚްތިޔާރުތައްވެސް މި ރިޕޯރޓުގައި ފާހަގަކޮށްފައިވާކަމަށް ގައުމީ ޔުނިވަރސިޓީން މައުލޫމާތުދެއެވެ.އިއްޔެ ޔުނިވަރސިޓީގައި ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ޚިދުމަތްކުރައްވަމުން ގެންދަވާ ވަރަށް ގިނަ ޢަދަދެއްގެ މެޑިކަލް ޑޮކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ހެލްތާއި، ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިނާއި، ސިއްޚީ ދާއިރާގެ އެކި އެކި މުއައްސަސާތަކުންވެސް މިބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. އަދި ރާއްޖޭގައި މިވަގުތު މަތީ ޘާނަވީއަށް ކިޔަވައިދޭ އެންމެ ބޮޑު ދެ ސްކޫލްކަމަށްވާ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ މަންދޫބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.މެޑިކަލް ސްކޫލްގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކުރެއްވީ ޝްރީލަންކާގެ ޕެރެދެނިޔާ ޔުނިވަރސިޓީގެ ދެ މާހިރަކާ ޙަވާލުކޮށްގެންނެވެ.މިދިރާސާއިން ދެއްކިގޮތުގައި ދިވެހިރާއްޖޭގައި މެޑިސިންގ ކިޔަވައިދޭން ފެށުމަކީ މިހާރު ހުރި ވަޞީލަތްތަކާއި ހުރި ޤާބިލުކަމުގެމިންވަރުން ކާމިޔާބުކަމާއެކު ކުރެވިދާނެ ކަމެކެވެ. އަދި މި މަޝްރޫޢު ފެށުމަށް މިހާރުވެސް ލަސްވެއްޖެކަމުގައިވަނީ ފާހަގަކޮށްފައެވެ.ޔުނިވަރސިޓީގެ އިސްނެގުމަކަށް ކުރިއަށް ގެންދެވޭ މި މަޝްރޫޢުއަކީ ރާއްޖޭގެ މުސްތަޤްބަލަށް ބަލާއިރު ވަރަށް މުހިއްމު މަޝްރޫޢުއެއް ކަމަށާއި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ދައުލަތުގެ ގުޅުންހުރި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ދެއްވާނެކަމަށް އިޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ކަމާގުޅުންހުރި ފަރާތްތަކުން ހާމަކުރެއްވިކަމަށް ޔުނިވަރސިޓީން ބުނެއެވެ.