ކުޅިވަރު

ބޮޑު މުބާރާތެއްގެ ކުއާޓަރ ފައިނަލް އާޖެންޓީނާއަށް ފަސޭހައެއް ނުވާނެ: ސްކެލޯނީ


ބޮޑު މުބާރާތެއްގެ ކުއާޓަރ ފައިނަލް އެއްވެސް އިރެއްގައި އާޖެންޓީނާއަށް ފަސޭހަ ނުވާނެކަމަށް އެ ޓީމުގެ ކޯޗް ލިއޮނެލް ސްކެލޯނީ ބުނެފިއެވެ.

ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި މިރޭ ވެނެޒުއޭލާއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސްކެލޯނީ ބުނީ ވެނެޒުއޭލާއަކީ ވަރުގަދަ ބްރެޒިލަށްވެސް މި ފަހަރުގެ މުބާރާތުގައި ނުރައްކާކުރި ޓީމެއް ކަމަށާއި އެހެންކަމުން މި ފަހަރުވެސް އާޖެންޓީނާއަށް ކުއާޓަރ ފައިނަލް އުނދަގޫވާނެ ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާއަށް މި މެޗް ކާމިޔާބުކުރުން މަޖުބޫރުކަމަށާއި ވެނެޒުއޭލާއާއި އަޅާބަލާއިރު އާޖެންޓީނާގެ ފެންވަރު މާ ބޮޑަށްވެސް ރަނގަޅުވާން ޖެހޭނެކަމަށެވެ. އެގޮތުން، އޭނާގެ ޓީމުގައި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން ތިބިކަމަށް ސްކެލޯނީ ފާހަގަކުރިއެވެ.

ކޮޕަ އެމެރިކާގެ ގްރޫޕް ސްޓޭޖުން އާޖެންޓީނާ ކަޓާނެކަމުގެ ބިރު ހީވެފައިވަނިކޮށް އެ ޓީމް ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގަތަރު ބަލިކޮށްގެންނެވެ.

1993ވަނަ އަހަރުގެ ފަހުން އާޖެންޓީނާއަށް ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މި ފަހަރުގެ މުބާރާތުގައިވެސް އެ ޤައުމުން އެންމެ ބޮޑަށް ބަރޯސާވަނީ ލައޮނެލް މެސީއަށެވެ. ނަމަވެސް އޭނާއަށް މިފަހަރުގެ މުބާރާތުގައި އަދި ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ.