ސިޔާސީ

ބިޑުކުރުން މިހާރަށްވުރެ ދެފުށް ފެންނަ އުސޫލަކުން ކުރިއަށްގެންދަންޖެހޭ - ރައީސް


ސަރުކާރާއި ކުންފުނިތައް ކޮރަޕްޝަނަށް މަގުފަހިވަނީ ޕްރޮކިއުމަންޓާއި ބިޑްތައް ހުޅުވާލުމުގައި ދިމާވާ މައްސަލަތަކުންކަމަށްވާތީ މިހާރަށްވުރެ ބޮޑަށް ދެފުށް ފެންނަގޮތަކަށް ބިޑްކުރުން ކުރިއަށް ގެންދިއުމަށް ކުންފުނިތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަހާސިންތާ އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަހާސިންތާ 2019 ފަށްޓަވާދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވަޢުދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްދީ، އެއްވެސް ތަފާތުކުރުމެއްނެތި، ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާލުވީ އެ ވަޢުދުތައް ފުއްދައިދިނުމުގައި، ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށްބޮޑުކަމަށެވެ.

ރައީސް ވިދާޅުވީ ވިޔަފާރީގެ އުޞޫލުން ހިންގާ ކުންފުނިތަކުން ޒިންމާ އަދާކުރަންވާނީ، ވިޔަފާރީގެ ފައިދާ ޙާޞިލުކުރެވޭ ގޮތަށްކަމަށެވެ. އަދި ޚިދުމަތްދޭ ކުންފުންޏެއްނަމަ، އެ ކުންފުންޏެއްގެ ޒިންމާތައް ބައްޓަންކުރަންވާނީ، ރައްޔިތުން ޤަބޫލުކުރާފަދަ ރަނގަޅު ޚިދުމަތްތަކެއް ދެވޭ ކުންފުނިތަކެއްގެ ގޮތުގައިކަމަށެވެ.

ކުންފުނިތައް ހިންގުމަށްޓަކައި ޤާނޫނީ އިންތަކަކާއި އޮނިގަނޑުތަކެއް ކަނޑައެޅިފައި އެބަހުރިކަން ކުންފުނިތަކުގެ ވެރިންނަށް ހަނދާން ކޮށްދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެންމެ މުހިއްމު ކަމަކީ އަލަށް ތަޢާރުފްކުރި ކޯޕަރޭޓް ގަވަރނެންސްގެ އުޞޫލުތަކާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ބައްޓަން ކުރުންކަމަށެވެ. އަދި ފައިސާގެ އެންމެހައި މުޢާމަލާތްތައް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، އަދި ޒިންމާދާރުކަމާ އެކުގައި ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.

"މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ [ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން]. ދެންމެ ތިޔަ ހުރިހާ ބޭފުޅުން އެ ސޮއިކުރެއްވީ، އެކަމަށް އާނއެކޭ ބުނެ، އެކަމަށްވީ ވަޢުދު. ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި ކޮންމެ ބޭފުޅެއް ކަމަށްވިޔަސް، ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް މި ސަރުކާރުން ކުޑަވެސް ފުރުޞަތެއް އަޅުގަނޑުމެން ނުދޭނެކަން މިއަދުވެސް ތިޔަބޭފުޅުންނަށް ހަނދުމަކޮށް އަރުވަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރާއި ކުންފުނިތަކުގައި ކޮރަޕްޝަނަށް މަގުފަހިވުމަށް އޮތް އެންމެ ބޮޑު ދިމާއަކީ ޕްރޮކިއުމަންޓާއި ބިޑްތައް ހުޅުވާލުމުގައި ދިމާވާ މައްސަލަތައްކަން ފާހަގަކުރެއްވިއެވެ. ރައީސް ވަނީ ކުންފުނިތަކުގައި ޕްރޮކިއުމަންޓާއި ބިޑް ކުރުމުގެ ކަންތައްތައް މިހާރަށްވުރެ ބޮޑަށް ހާމަކަންބޮޑު ގޮތެއްގައި، ދެފުށް ފެންނަގޮތަށް، ނުފޫޒުން އެއްކިބާވެ ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ. އަދި ކުންފުނިތަކަށް މުވައްޒަފުން ޢައްޔަންކުރުމުގައިވެސް ކުންފުނީގެ ބޯޑުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އޮނިގަނޑާ އެއްގޮތަށް އެކަން ކުރުމަކީ، ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ދެންނެވި ސަބަބުތަކަށްޓަކައި ކުންފުނިތަކުގެ ހިންގުން އިޞްލާޙުކޮށް، ކުންފުނީގެ މަޤްޞަދު ޙާޞިލުކުރެވޭނެ އީޖާދީ އަދި އުފެއްދުންތެރި ގޮތްތައް ހޯދައި، ކުންފުނިތަކުގެ މިޞްރާބު އަލުން ސީދާކުރުމަކީ، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ތިޔަބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކުންފުނިތަކުން އެކުންފުނިތައް ހިނގަމުންދާ ގޮތުގެ ތަފްޞީލުތަކާއި، އެންމެ ރަނގަޅު މަޢުލޫމާތުތައް އަބަދުވެސް، ފިނޭންސް މިނިސްޓްރީއާ ޙިއްޞާ ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ކުންފުނިތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު، މިހާރަށްވުރެ ބޮޑަށް، ޢާންމު ރައްޔިތުންނާ ޙިއްޞާ ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިސްކަން ދިނުމަށްވެސް ރައީސް ވަނީ ކުންފުނިތަކުގެ ވެރިންނަށް ގޮވާލައްވާފައެވެ. އެއީ ކުންފުނިތަކަކީ، ދިވެހި ރައްޔިތުންގެ ޙިއްޞާ، އޭގައި އެކުލެވިފައި އޮތް ކުންފުނިތަކަކަށްވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.