ސިޔާސީ

ޚިޔާނާތުގެ ފައިސާ ޖަމާވި ކުންފުނިތައް އޮޑިޓްކޮށްފައިވަނީ ލައިސަންސް ނެތް އޮޑިޓަރުން


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި ކުންފުނިތައް އޮޑިޓްކޮށްފައިވަނީ، އޮޑިޓްކުރުމުގެ ޞައްޙަ ލައިސަންސް އޮތް ކުންފުނިތަކެއް ނޫންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކުރެއްވީ އެމްއެމްޕީއާރުސީ އޮޑިޓްކުރި އޮޑިޓަރ ޖެނަރަލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އޮޑިޓަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މާލިއްޔަތު ކޮމިޓީއަށް މަޢުލޫމާތުދެއްވަމުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރ އިބްރާހީމް ފަޒީލް ވިދާޅުވީ، އެމްއެމްޕީއާރުސީން ފައިސާ ޖަމާކުރި ސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި، މޮންޓޮލިއޯން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަދި މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ވިޔަފާރީގެ ބޮޑު މުޢާމަލާތެއް ނުކުރާއިރު، އެކުންފުނިތަކަށް ބޮޑެތި އަދަދުން ފައިސާ ޖަމާވެފައިވާކަމަށެވެ.

ކުންފުނިތަކާ ބެހޭ ޤާނޫނުގެ ދަށުން ކޮންމެ އަހަރަކު އިކޮނޮމިކް މިނިސްޓްރީއަށް ކުންފުނީގެ އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭއިރު، މި 3 ކުންފުނި އޮޑިޓްކުރުމަށްފަހު އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓަކީ ލައިސަންސް ނެތް އޮޑިޓަރުންތަކެއް ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެއްކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ އެ ރިޕޯޓްތަކަކީ ލައިސަންސް ނެޓް އޮޑިޓަރުންތަކެއް ތައްޔާރުކޮށްފައިވާ ރިޕޯޓްތަކެއްކަން އޭރު އިކޮނޮމިކް މިނިސްޓްރީގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީ އޮޑިޓްކުރި ޓީމްގެ އެންމެ އިސްކޮށް ހުންނެވި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް އައިމަން ވަނީ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑު އިހުމާލެއް އޮތީ ބޭންކުތަކުގައިކަމަށެވެ.

އެގޮތުން ބޭންކުގައި ސުވާލު އުފެދޭ މުޢާމަލާތެއް ކުރެވޭނަމަ އެކަން ބޭންކުން އެމްއެމްއޭއަށް ރިޕޯޓްކުރަންޖެހޭކަމަށާއި ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުވުމުގައި ސުވާލުއުފެދޭ ކަންކަން ހުރިނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން އެކަން އެމްއެމްއޭއަށް ރިޕޯޓްކޮށްފައިނުވާކަމަށް އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޗެކްތައް އެެހެން އެކައުންޓަކަށް ޖަމާކުރާނަމަ ކުންފުނީގެ ބޯޑުގެ ދެ ބޭފުޅެއްގެ ސޮއި ބޭނުްންވާއިރު، ހުރިހާ ޗެކެއްގައިވެސް ސޮއިކޮށްފައިވަނީ ހަމައެކަނި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުކަމަށެވެ. އެހެންކަމުން "އެންޑޯސްމަންޓް" ފުރިހަމަ ނުވާއިރުވެސް ބޭންކް އޮފް މޯލްޑިވްސް އިން އެ ޗެކްތައް ޖަމާކުރުމަކީ މައްސަލައެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އެތާ [އެމްއެމްޕީއާރުސީ] ގެ ބޯޑުން ފާސްކޮށްފައިވަނީ ޗެކް އެންޑޯސްކޮކުރާނީ އެތަނުގެ އެމްޑީ ހިމެނޭހެން 2 މީހުންކަމަށް. ނަމަވެސް ހުރިހާ ޗެކެއްގަ އެމްޑީ އެކަނި ސޮއިކޮށްފަ އޮތީ. އެންޑޯޒްމަންޓް ފުރިހަމައެއްނުވޭ. ތަޙްޤީޤަށް ސާފުވާންޖެހޭ އެންމެ ސޮޔެއްކޮށްފަ ވީނަމަވެސް ޗެކް އެނޑޯސްކޮށްފައިވޭތޯ ނުބަލާ ކީއްވެތޯ ބޭންކް އޮފް މޯލްޑީވްސް އިން އެ ޖަމާކުރީ. ބީއެމްއެލް ޖަވާބުދާރީވަންޖެހޭކަމެއް އެއީ." އައިމަން ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތް 1.4 މިލިއަން ޑޮލަރަށް އަރާއިރު، ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނަށް މިކަމުގައި ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.