ޓުއަރިޒަމް

ރާއްޖޭގައި މަސައްކަތްކުރުމުގެ މާހައުލު އެންމެ ރަނގަޅީ ފަތުރުވެރިކަމުގެ ސިނާޢަތުގައި - ނާއިބު ރައީސް


ރާއްޖޭގެ ވަޒީފާގެ މައިދާނުގައި އެންމެ ހިތްހަމަޖެހިގެން މަސައްކަތް ކުރުމުގެ މާހައުލެއްއޮތީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފަތުވެރިކަމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ޔުނިވަރސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ކުރިއަށްގެންދާ "ޑިސްކަވަރ ހޮސްޕިޓަލިޓީ" ގެ ދެވަނަ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ޑިސްކަވަރ ހޮސްޕިޓަލިޓީ"ގެ ދެވަނަ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގައި މިވަގުތު އެންމެ ހަލުވިމިނެއްގައި ކުރިއަރަމުންދާ ސިނާޢަތްކަމަށެވެ. އަދި ވަޒީފާގެ ބާޒާރަށް ބަލާނަމަނަމަވެސް މިހާރު އެންމެ ފުރުޞަތު ބޮޑު އެއް ސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތްކަން ނާއިބް ރައީސް ފާހަގަކުރެއްވިއެވެ. ނާއިބް ރައީސް ވިދާޅުވީ މި ދާއިރާއިން މީހުން ބިނާކުރުމަށް ކުރާ މަސައްކަތް އަދިވެސް އިތުރުކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާގައި ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރަންޖެހޭކަމަށާއި، ވަޒީފާގެ މައިދާނަށް ބަލާނަމަ ރާއްޖޭގައި މިވަގުތު އެންމެ ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ ސިނާޢަތަކީވެސް ފަތުރުވެރިކަމުގެ ސިނާޢަތްކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު ވިދާޅުވީ، "ޑިސްކަވަރ ހޮސްޕިޓަލިޓީ" ޕްރޮގްރާމުގެ ފެންވަރު ރަނގަޅުކޮށް، މި ޕްރޮގްރާމް ފުޅާކުރުމަށްޓަކާ އެ ކޮލެޖުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އެއް ހަމައެއްގައި މި ޕްރޮގްރާމު ހިންގުމަށްޓަކާ މަސައްކަތް ކުރަމުންދާކަމަށެވެ.

ޔުނިވަރސަލް ގްރޫޕްގެ ފަރާތުން ވާހަކަދައްކަވަމުން އެކުންފުނީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށްގެންދާތާ 3 އަހަރުވެފައިވާއިރު، ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންގެ އަދަދު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަމަށެވެ. އަދި މިކަމުންވެސް ދޭހަކޮށްދެނީ ސްކޫލް ނިންމާ ދަރިވަރުންގެ މެދުގައި މި ޕްރޮގްރާމަކީ މަޤްބޫލު ޕްރޮގްރާމަކަށްވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2017 ވަނަ އަހަރު ފެށި ޑިސްކަވަރ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ މިހާތަނަށް 2 ބެޗެއް ކުރިއަށްގެންގޮސްފައިވާއިރު، ދެވަނަ ބެޗުން އެކަނިވެސް 22 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް، އެކަމުގެ ލިޔުން ހާޞިލުކޮށްފައެވެ. އަދި ތިން ވަނަ ބެޗުގެ 34 ބައިވެރިއަކު މިހާރުވެސް އަންނަނީ މި ކޯސް ފުރިހަމަކުރަމުންނެވެ. މިކޯހުގައި ކިޔަވައިދޭނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިއްމު 3 ބައި ކަމުގައިވާ، ފްރޮންޓް އޮފީސް، ހައުސް ކީޕިން އަދި ފުޑް އެންޑް ބޭވަރޭޖް ސަރވިސަސްއެވެ. ތިއަރީ އަދި ޕްރެކްޓިކަލް ބައެއްވެސް ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގެ ތިއަރީ ކްލާސްތައް ކުރިއަށް ގެންދަނީ ވިލާ ކޮލެޖުގައެވެ. އަދި އަމަލީ ތަމްރީނުތައް ކުރިއަށް ގެންދަނީ ޔުނިވަރސަލްގެ ރިސޯޓްތަކުގައެވެ.