ޚަބަރު

ކޮރަލް ބޮލެވާޑާއެކު މަޝްވަރާތައް ކުރިއަށް، ބަދަލު ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިވާނެ- މިނިސްޓަރ


ރަސްފަންނުގައި ލަގްޒަރީ ފެންވަރުގެ އެޕާޓްމަންޓުތަކެއް އެޅުމަށް ޙަވާލުކުރި ކޮރަލް ބޮލެވާޑު ކުންފުންޏާއެކު އެ މަޝްރޫޢާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ބައެއް ފަރާތްތަކުން އެ ކުންފުނިން ފިލާފައިވާކަމަށްބުނެ ވާހަކަ ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮރަލް ބޮލެވާޑު މަޝްރޫޢުއާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވީ ކޮރަލް ބޮލެވާޑު ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި އެކުންފުނިން މިހާރުވެސް ދަނީ ސަރުކާރާއެކު މަޝްވަރާ ކުރަމުން ކަމަށެވެ. މިނިސްޓަރ އާތިފާ ވިދާޅުވީ އެ މަޝްރޫޢު ހުޅުމާލެއަށް ބަދަލުކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ބަދަލު ހޯދުމަށް ބޭނުންވާކަން ހާމަކުރަމުންދާ ކަމަށާ، އަދި އެ ކުންފުންޏަށް ނުގުޅޭކަމަށްވެސް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެކަން ބަލައި ހައްލުކުރުމަށް މިނިސްޓްރީން އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޯށްދޭނެ ކަމަށާ، އެހެންކަމުން އެކަން މިނިސްޓްރީގެ ރަސްމީ އީމެއިލަށް ފޮނުވުމުން ފައިސާ ހޯދުމަށް ކުންފުންޏާ ވާހަކަ ދައްކައި އެކަން ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތްކުރައްވާނެކަމަށެވެ.

ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ މާލެ އިތުރަށް ތޮއްޖެހުން ހުއްޓުވުމުގެ ވަޢުދުގެ ދަށުން މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ކޮރަލް ބޮލެވާޑް މަޝްރޫޢު ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާއިރު މިނިސްޓަރ ވިދާޅުވީ އެކަން ކުރުމަށް މަޝްވަރާކުރަމުންދަނީ އެއްވެސް ފަރާތަކަށް ގެއްލުން ނުވާނެގޮތަކަށް ކަމަށެވެ. އެގޮތުން މި ބަދަލާއެކު ކޮރަލް ބޮލެވާޑު ޑިވެލޮޕްމަންޓަށާއި އެތަނުން އެޕާޓްމަންޓުތައް ގަތް މީހުންނަށް ގެއްލުން ނުވާނެފަދަ ގޮތަކަށް މަޝްރޫޢު ހުޅުމާލެއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮރަލް ބޮލެވާޑު ކުންފުންޏަށް މާލެއިން ދޫކޮށްފައިވާ 70،000 އަކަފޫޓުގެ ބިމަށްވުރެ ބޮޑު ބިމެއް ހުޅުމާލެއިން ވަނީ ހަމަޖައްސާދީފައެވެ. ސަރުކާރުން ކޮރަލް ބޮލެވާޑަށް ހުޅުމާލެއިން ހަމަޖައްސައިދީފައިވަނީ 1،29،000 އަކަފޫޓުގެ ބިމެކެވެ. މި ބިން ހަމަޖައްސައިދީފައިވަނީ ސީވިއު ލިބޭ ގޮތަށެވެ.

ހައުސިންގ މިނިސްޓަރ އާތިފާ ވިދާޅުވީ ބިން އިތުރުކުރަން ޖެހުނީ ހުޅުމާލޭގެ ޑިވެލޮޕްމަންޓު ޕްލޭންގައި 28 ބުރީގެ ޢީމާރާތްކުރުމަށް ކަނޑައަޅާފައިނުވާތީ ކޮރަލް ބޮލެވާޑު ކުންފުންޏަށް ގެއްލުންނުވާނެ ގޮތެއްގެ ހަމަޖެއްސުމަށްކަމަށެވެ.

މި މަޝްރޫޢު ބަދަލުކުރުމާ ގުޅޭގޮތުން މިހާރު އެކުންފުންޏާއެކު ކުރަމުންދާ މަޝްވަރާ ތަކުގައި ކުންފުނީގެ ފަރާތުން މިނިސްޓްރީއަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމުގެ މުއްދަތު މިދިޔަ ހަފްތާގައި ހަމަވެފައިވާއިރު އެކުންފުނިން މިކަމަށް އިތުރު 2 ހަފްތާއަށް އެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިންގަޕޫރުގެ ޗަންގް ހުވާ ކޮންސްޓްރަކްޝަނުން މިމަސައްކަތްކުރަމުންދާއިރު މިއީ ރާއްޖެއަށް ބޭރުން ލިބޭ އިންވެސްޓުމެންޓުތަކާއިވެސް ވަރަށް ބޮޑަށް ގުޅިފައިވާ މައްސަލައެކެވެ. މިކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރ އާތިފާ ވިދާޅުވީ ބޭރުން ރާއްޖެއަށް ލިބޭ އިންވެސްޓަރުންގެ އިތުބާރު ހިފެހެއްޓުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭކަމެއްކަމަށެވެ. އަދި ބޭރުގެ އެހެން އިންވެސްޓަރުންނާމެދު ބާއްވަން މަސައްކަތްކުރާ ގުޅުން ކޮރަލް ބޮލެވާޑާއެކު ޤާއިމުކޮށްފައި ބޭއްވުމަށްވެސް ސަރުކާރުން އިސްކަންދޭކަމަށެވެ. އަދި މިހާރުވެސް މަޝްރޫޢާއި ގުޅޭގޮތުން އެކުންފުންޏާއި މަޝްވަރާތައްކުރިއަށްގެންދާއިރު އެކުންފުންޏާއެކުވެސް ގާތްގުޅުމެއް އޮތްކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

ކޮރަލް ބޮލެވާޑުން މީގެ ކުރިން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 28 ބުރިއާއި 25 ބުރީގެ 4 ޓަވަރެވެ. އެހެންނަމަވެސް ހުޅުމާލޭގައި 28 ބުރީގެ އިމާރާތް ކުރުމަށް ހުއްދަ ނެތުމުން މި ޓަވަރުތަކުގެ ޑިޒައިންތަކަށްވެސް ބަދަލު އަންނާނެކަމަސް ލަފާކުރެވެއެވެ. ހައުސިންގ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ވަޢުދު ފުއްދުމަށް ކޮރަލް ބޮލެވާޑުގެ ޓަވަރުތައް ހުޅުމާލެއަށް ބަދަލުކުރަން ނިންމުމުން އެކަމުގެ ބަދަލުދެއްވުމަށް ސަރުކާރަށް ޖެހުނުނަމަވެސް އެކަން އެގޮތަށް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

ހުޅުމާލެއަށް މި މަޝްރޫޢު ބަދަލުކުރުމަށް ސަރުކާރުން ނިންމާ އެ ކުންފުންޏާއެކު މަޝްވަރާކުރަމުންދާއިރު އެކުންފުނިންވަނީ 28 ބުރީގެ އެއްޓަވަރުގެ ފައުންޑޭޝަންގެ މައިކްރޯޕައިލްސްގެ 13 އިންސައްތަ ނިންމާފައެވެ. އަދި އެޕާޓްމަންޓު ގަތުމަށް ބައެއް ފަރާތްތަކުގެ އަތުން ފައިސާ ނަގާފައިވާއިރު 9 ފަރާތަކުން އެޕާޓުމަންތުގަތުމަށް ކުރިއަށްގެންދިޔަ މުޢާމަލާތްތަކުގައި ތިންލައްކަ ފަނަރަހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައްކާފައިވެއެވެ. އަދި ޑައުން ޕޭމަންޓުގެ ގޮތުގައި މިފަރާތްތަކުން އެއްލައްކަ ހަތަރުހާސް ފައްސަތޭކަ އެމެރިކާ ޑޮލަރު އެކުންފުންޏަށް ދައްކާފައިވެއެވެ.