ކުޅިވަރު

ބްރެޒިލްގެ އެޓޭކިން ލައިނާމެދު ވިސްނަންޖެހޭ: ޕެރެގުއާއީ


ބްރެޒިލްފަދަ ޤައުމުތަކާ ދެކޮޅަށް ވާދަކުރަން ޕެރެގުއާއީ އަކީ އަދިވެސް ޅަ ޓީމެއް ކަމަށާއި، ޚާއްޞަކޮށް ބްރެޒިލްގެ އެޓޭކިން ލައިނާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭކަމަށް ޕެރެގުއާއީގެ ކޯޗު އެޑުއާޑޯ ބެރީޒޯ ބުނެފި އެވެ.

އެޑުއާޑޯ ބުނީ، ބްރެޒީލާ ވާދަކުރާއިރު، އެޓޭކިން ގޭމެއް ކުޅެވޭނެ ފެންވަރު ޕެރެގުއާއީގައި އެބަހުރި ކަމަށާއި، މެޗުގެ ކޮންޓްރޯލް އަތުލައި، ބްރެޒީލަށް ނުރައްކާކުރަން ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށެވެ.

ނަމަވެސް ޕެރެގުއާއީ އަކީ ބްރެޒީލާ އަޅައިބަލާއިރު ހުރިހާ ގޮތަކުންވެސް ޅަ ޓީމެއް ކަމަށާއި، ޚާއްޞަކޮށް ބްރެޒިލްގެ އެޓޭކިން ލައިނަކީ މިހާރު އޮތް އެންމެ ފެންވަރު ރަނގަޅު އެޓޭކިން ލައިން ކަމަށްވެސް އެޑުއާޑޯ ބުންޏެވެ.

އެޑުއާޑޯ ބުނީ، މާޒީއަކީ އޭނާ އެއްގޮތަކަށްވެސް ބަލަން ބޭނުންވާ އެއްޗެއް ނޫންކަމަށާއި، ކާމިޔާބީ އާއި ނާކާމިޔާބީ ކުރިން ލިބުނު މިންވަރަކުން، މިހާރުގެ ޓީމަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމަށެވެ.

އޭނާ ބުނީ އެ ފަދަ ހިސާބުތައް މުހިންމީ ނޫސްވެރިންނަށް ކަމަށާއި، އެއީ ކުޅުންތެރިންނާއި ކޯޗުން ވިސްނަންޖެހޭ ކަމެއް ނޫންކަމަ ށެވެ. އެޑުއާޑޯ ބުނީ ބްރެޒީލާ ދެކޮޅަށް ނިކުންނާނީ ވަރުގަދަ ޕްލޭނަކާ އެކުގައިކަމަ ށެވެ.

ކޮޕާ އެމެރިކާ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބްރެޒިލާއި ޕެރެގުއާއީ ވާދަކުރާއިރު މި ދެ ޓީމުސް އެންމެ ފަހުގެ މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ގޮސްފައެއް ނުވެ އެވެ. ޕެރެގުއާއީ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން، މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.