ތަރައްްޤީ

ވީ.އައި.އޭގެ އައު ރަންވޭ މިއަހަރު ފަހުކޮޅު ހުޅުވަނީ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ މިއަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކާގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުން އެމް.އޭ.ސީ.އެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ މުހައްމަދު ޞަލާޙު ވިދާޅުވީ، މިއަހަރުގެ ޓޫރިސްޓް ސީޒަނާއި ދިމާކޮށް ރަންވޭ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި ރަންވޭއާއި ގުޅުވައިގެން ތަރައްޤީކޮށްފައިވާ ވެސްޓް އޭޕްރޮންގެ ފުރަތަމަ ބައިގެ މަސައްކަތްވެސް ނިންމާ އޭޕްރޮންގެ ލައިވް އޮޕަރޭޝަންތައް ފެށުމަށްޓަކާ ޓެސްޓްކުރުމުގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު މިހާރު ނިމިފައިވާކަމަށެވެ. ޞަލާޙު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ މިއަހަރު ފަހުކޮޅު އައު ރަންވޭ ބޭނުންކުރަން ފެށުންކަމަށެވެ.

"އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން އައު ރަންވޭއާއި، ޓަރމިނަލަކާއި، ފިއުލްފާމަކާއި، ކާގޯ ކޮމްޕްލެކްސްއެއްގެ އިތުރުން ސީ ޕްލޭން ޓަރމިނަލެއްވެސް ތަރައްޤީކުރުމުގެ މަސައްކަތް މިދަނީ ކުރަމުން.. އޭގެ ތެރެއިން ރަންވޭގެ މަސައްކަތް އެއްކޮށް ނިމި މިހާރު އެއޮތީ ޓެސްޓްކުރުމުގެ މަރުހަލާގައި.. އިއްޔެ މިވަނީ އޭޕްރަން އޮޕަރޭޝަނަށް ގެނައުމަށްޓަކާ ޓެސްޓް ކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައި.. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ފަަހުކޮޅު ޓޫރިސްޓް ސީޒަނާ ދިމާކަށް އަރު ރަންވޭ ހުޅުވުން.. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންމިދަނީ.." ސަލާހު ވިދާޅުވިއެވެ.

ޞަލާޙު ވިދާޅުވީ، އެއަރޕޯޓުގައި ތަރައްޤީކުރާ އައު ކާގޯ ޓަރމިނަލްއާއި ފިއުލްފާރމްގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ މެދުތެރޭ ދެ ތަނުގެ މަސައްކަތްވެސް އެއްކޮށް ނިންމާ ބޭނުންކުރަން ފެށުންކަމަށް ޞަލާޙު ވިދާޅުވިއެވެ.

ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 60 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ. ރަންވޭގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާއިރު، އައު ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ.