ވިޔަފާރި

އެމެރިކާ މީހުންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ


އެމެރިކާގެ ޔޫ.އެސް ނިއުސް އިން އެކުލަވާލި "ޒިޔާރަތްކުރުމަށް އެންމެ ކަމުދާ 30 މަންޒިލް"ގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެއެވެ.

އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ރާއްޖޭގެ އިތުރުން ދެން މި ލިސްޓުން ޖާގަ ހޯދާފައިވަނީ ތައިލޭންޑުގެ ޕުކެޓްއެވެ.

ޓްރެވަލް ރައިޓަރުންނާއި ފަތުރުވެރިން އަދި ކަމާގުޅޭ މާހިރުންގެ ހިޔާލުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ "ޔޫ.އެސް ނިއުސް ބެސްޓް ޕްލޭސަސް ޓު ވިޒިޓް" ނުވަތަ ޒިޔާރަތްކުރަން އެންމެ ކަމުދާ މަންޒިލްތަކުގެ ލިސްޓުގައި ޖުމްލަ 30 މަންޒިލެއް ހިމެނެއެވެ.

މި ލިސްޓުން ރާއްޖެއަށް ލިބިފައިވަނީ 16 ވަނައެވެ. އަދި އޭޝިއާގެ ޤައުމަކަށް ދެން މިލިސްޓުން ޖާގަ ހޯދާފައިވާ ތައިލޭންޑުގެ ޕުކެޓަށް ލިބިފައިވަނީ 8 ވަނައެވެ.

ޔޫއެސް ނިއުސްގެ މި ލިސްޓު ބުނާގޮތުން އެންމެ ކަމުދާ މަންޒިލަކީ ފްރާންސްގެ ޕެރިސްއެވެ. ލިސްޓުގެ އެއްވަނަ ފެރިސްއަށް ލިބިފައިވާ އިރު، ދެވަނަ ލިބިފައިވަނީ ނިއު ޒިލޭންޑުގެ ސައުތު އައިލެންޑެވެ.

އެމެރިކާ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިއަހަރުގެ މޭމަހުގެ ނިޔަލަށް އެޤައުމުން ރާއްޖެއަށް ސައުވީސް ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 38 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެމެރިކާއަކީ 8 ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.