ވިޔަފާރި

2 ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފި


މިހާރު ބޭނުންކުރަމުން އަންނަ 2 ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނީ 2 ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވަނީ ދެރުފިޔާގެ ފައިސާ ފޮތީގެ ސްޓޮކް މަދުވުމާއި ގުޅިގެންކަމަށެވެ. އެގޮތުން 2 ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން 25 ޖޫންގައި ރާއްޖެ ގެނެސް ދައުލަތުގެ ޚަޒާނާގައި ރައްކާކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

2 ރުފިޔާގެ އައު ފައިސާ ފޮތި ބާޒާރަށް ނެރެފައިވަނީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. ދެރުފިޔާގެ ލުއި ފައިސާ ފޮތީގައި ދެމައުދަނެއް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ބޭރުގައި ބޭނުންކޮށްފައިވަނީ ނިކަލް ބްރާސް އަދި އެތެރޭގައި ބޭނުންކޮށްފައިވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ.

ކުރީގެ ދެރުފިޔާގެ ފައިސާ ފޮއްޗާއި ތަފާތުކޮށް އުފައްދާފައިވާ 2 ރުފިޔާގެ އައު ފައިސާ ފޮއްޗަކީ ބަރުދަނުގެ ގޮތުން ލުއި އެއްޗެކެވެ.

ރަންދިހަ ފަހެއްގެ ނޫޓް ސީރިސްއާއެކު 2017 ވަނަ އަހަރު ދެފަހަރެއްގެ މަތިން އެމްއެމްއޭއިން ފައިސާގެ އައު ސްޓޮކް ގެނެސްފައިވާއިރު އެންމެ ފަހުން އެމްއެމްއޭއިން ފައިސާގެ ސްޓޮކް ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓުމަހު ފަންސާސް ލާރީގެ ސްޓޮކެކެވެ.

ފައިސާގެ ސްޓޮކް ހުސްވާން ކައިރިވުމާއެކު އެމްއެމްއޭއިން ދަނީ އެކި ފަހަރުމަތިން ފައިސާގެ އައު ސްޓޮކްތައް ގެނެސް ބޭންކުގައި ރައްކާކުރަމުންނެވެ.