ޚަބަރު

"ހިޔާ" މަޝްރޫޢު، އެދެވޭ ހިޔާވަހިކަމެއް ލިބޭނެބާ؟


ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުގެ ޕްލެޓްތައް އިމާރާތްކުރަމުންދާ ސަރަހައްދަށް ބަލާލުމުން އުންމީދީ ތަރައްޤީގެ ކުލަވަރު ވަނީ ފެންނަން ފަށާފައެވެ.

މި އުންމީދީ މަޝްރޫޢުގެ ފްލެޓްތައް ނިމެމުންދާތަން ފެނި ގިނަ ބަޔަކު ތިބީ އެމީހުންގެ ހުވަފެންތައް ހަޤީޤތަކަށް ވާނެ ދުވަހެއްގެ އުންމީދުގައެވެ. މާލޭގައި ކުދި ކުދި ކޮތަރު ކޮށިތަކެއްފަދަ ކޮޓަރިތަކުގައި އުޅޭ އުޅުން ބަދަލުވެ ތަނަވަސް އެޕާޓްމަންޓްތަކަކަށް ދެވުމުގެ އުންމީދުގައެވެ.

ހިޔާ މަޝްރޫޢުއަކީ ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވާހީގައި ފެށި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުއެވެ. ރައީސް ޔާމީންގެ ސަރުކާރުން ފެށި މި މަޝްރޫޢާއެކު މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ ބޯހިޔާވަހިކަމަށް ހައްލެއް ލިބޭނެކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 7000 ހައުސިންގ ޔުނިޓު އެޅުމަށް ވަނީ ނިންމާފައެވެ. އެއީ 25 ބުރީގެ 16 ޓަވަރެވެ.

މާލޭގެ ކުދި ތަންކޮޅުގައި ދިރިއުޅެމުންދިޔަ ބޮޑެތި ޢާއިލާތަކަށް މި މަޝްރޫޢާއެކު ސަރުކާރުންވަނީ ވަރަށް ވެސް ފޮނި ހުވަފެނެއް ދައްކާފައެވެ. އަދި ރިޔާސީ އިންތިޚާބާ ގާތްވަމުންދިޔައިރު މި މަޝްރޫޢުގެ އުންމީދީ ވާހަކަތައް ދެކެވެމުންދިޔަ މިންވަރުވެސް ދިޔައީ އިތުރުވަމުންނެވެ. އެހެންނަމަވެސް ފުލެޓުތައް ނިމި ރައްޔިތުންނަށް އެތަނަށް ވަދެވޭނެ ދުވަސް އައުމުގެ ކުރިން އޭރުގެ ސަރުކާރު ބަދަލުވެއްޖެއެވެ.

އާ ސަރުކާރުން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށްފަހު، ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަކުރިއެވެ. މިއާއެކު ގިނަ ބަޔަކު އެކަމަށް ފާޑު ކިޔެއެވެ. އަދި 7000 ހައުސިންގ ޔުނިޓު 6860 ހައުސިންގ ޔުނިޓަށް ބަދަލުކުރާ ވާހަކަ އިއުލާން ކުރުމުން އެކަމަށްވެސް ފާޑުކިއެވެ.
އާ ސަރުކާރުން ފްލެޓްތަކަށް ގެންނަން ނިންމި ބަދަލުތަކަށް ބަލާއިރު ފްލެޓްތަކުގެ އެންމެ ތިރި ޚާއްޞަކުރަން ނިންމާފައިވަނީ ކޮމާރޝަލް ބޭނުންތަކަށެވެ. އަދި ކުރީގެ ސަރުކާރުން މިފްލެޓުތަކުގައި 2 ކޮޓަރިއާއި 3 ކޮޓަރި އަދި 4 ކޮޓަރީގެ އެޕާޓްމަންޓްތައް ޢިމާރާތްކުރުމަށް ނިންމާފައިވީނަމަވެސް މިސަރުކާރުންވަނީ އެއީ ހަމައެކަނި 2 ކޮޓަރީގެ ތަންތަނުގެ ގޮތުގައި ހަމަޖައްސާ އެޕާޓްމަންޓުތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން އެޕާޓްމަންޓުތަކުގެ ފިނިޝިންގއަށް ޚަރަދުވާނެ މިންވަރު ނުހިމަނާ ފްލެޓްތަކުގެ އަގުތައް ކަނޑައަޅާފައިވާތީ، ފިނިޝިންގގެ މަސައްކަތަށް އިތުރު 42 މިލިއަން ޑޮލަރު ޚަރަދުކުރަންޖެހޭކަމަށް އެޗްޑީސީން ބުނެއެވެ. އަދި މީގެ ސަބަބުން ފްލެޓްތަކުގެ އަގަށްވެސް ބަދަލުގެންނަން ޖެހުނުކަން އެޗްޑީސީން ވަނީ ބުނެފައެވެ. މި ޚަބަރުތައް އެކި މީޑިއާތަކުގައި ދައުރުވާން ފެށުމުން ގިނަ ބަޔަކު އެކި ޕްލެޓްފޯމްތަކުގައި ދިޔައީ ފާޑުކިޔަމުންނެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު މިހާތަނަށް މި ފްލެޓްތަކުގެ އެތެރެ ބަލާލުމުގެ ފުރުޞަތު އާންމުންނަށްވެސް އަދި ނޫސްވެރިންނަށްވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ފްލެޓްތަކުގެ އެތެރެ ބަލާލުމުގެ ފުރުޞަތު އާންމުކޯށް ހުރިހާ މީޑިއާއަކަށް އެޗްޑީސީން މިވަނީ ދީފައެވެ.

ފްލެޓްތައް ބަލާލަން ލިބުނު ފުރުޞަތުގައި ގިނަ ނޫސްވެރިންތަކެއް ބައިވެރިވެފައިވެއެވެ. ފުރަތަމަ ފަހަރަށް މި ފްލެޓްތައް ބަލާލަން ލިބުނު ފުރުޞަތާއެކު ނޫސްވެރިންވެސް ތިބީ ފްލެޓްތަކާ ގުޅޭގޮތުން ސަރުކާރުން ދެއްކި ވާހަކަތަކުގެ ޙަޤީޤަތް ބަލާލަން ކެތްމަދުވެފައެވެ.
ފްލެޓްތަކުގެ ބޭރުން ބަލާއިރު ވަރަށް ފުރިހަމައެވެ. ބަލާލަންވެސް ރީއްޗެވެ. ނަމަވެސް ފްލެތްތަކުގެ އެތެރެއަށް ވަދެ ބަލާލުމުން ކޮންމެ ނޫސްވެރިއަކަށްވެސް ލިބުނީ ޝޮކެކެވެ. ފެނުނީ ޤަބޫލުކުރަންވެސް ދަތިވި މަންޒަރެކެވެ.

ނޫސްވެރިންނާއެކު އެތަނަށް ދިޔަ ފޮޓޯ ގުރާފަރުންނާއި ކެމެރާމަނުންނަށްވެސް ވީހަމައެވަރެވެ. "މިއީ ސަރުކާރުން ދިވެހިން އުޅެންދޭ ކޮށި ހެއްޔޭ؟"، " ހުޅުމާލޭ 2 ވަނަ ފޭސްގައި މިއަށްވުރެ އިތުރަށް ކޮޓަރި ބޮޑުކޮށްލެވޭނެ ޖާގަ ސަރުކާރަށް ނުލިބުނީހޭ" ސުވާލު އުފައްދާފައެވެ. ނޫސްވެރިންގެ ސުވާލުތަކާއި ޝަކުވާގެ އަޑު އެކުޑަކުޑަ ކޮޓަރިތަކުގެ ތެރޭގައި ގުގުމައިގަތެވެ.

އެޗްޑީސީން ދީފައިވާ މަޢުލޫމާތަށް ބަލާއިރު 570 އަކަފޫޓުގެ ޖާގައެއްގައި 2 ކޮޓަރިއާއި 2 ފާޚާނާ ހިމެނޭގޮތަށް ދިން އެޕާޓުމަންޓުގެ ކޮޓަރިތަކުގައި 5 ފޫޓު 6 ފޫޓުގެ އެނދެއް ބެހެއްޓުމުން އެނދުގެ ވަށައިގެން 3 ފޫޓު ހަމަނުވާނަމަ މިއީ ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ. ކުޑަކުޑަ ކޮތަރު ކޮށިތަކެއްފަދަ އެޕާޓްމަންޓްތަކުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުންމީދު އާކޮށް ސަރުކާރުން ދެއްކި ހުވަފެނަކީ މިއީ ބާއޭ ސުވާލު އުފެދެއެވެ.

މި ފްލެޓްތަކުގައި އަލަމާރި ނުވަތަ ވޯޑްރޮބްގެ ގޮތުގައި ތަންކޮޅެއްވެސް ހިމަނާފައިވެއެވެ. މިއީ ބޭރުގެ ބޮޑެތި ޤަމުތަކުގެ ކޮންސެއްޕްޓެއްނަމަވެސް ރާއްޖެއަށް މި ކޮންސެޕްޓް އައިއިރު ކޮންސެޕްޓަށްވެސް އޮތީ އޮޅުން އަރާފައެވެ. ސަބަބަކީ އަލަމާރި ބަހައްޓަން ނުވަތަ ދިރިއުޅުމުގައި ދެންވެސް ބޭނުންކުރަން ކޮޓަރީގައި ބަހައްޓަން ދީފައިވާ ތަންކޮޅު ނުވަތަ އެގޮޅީގައި އެއްޗެއް ބެހެއްޓުމަށްފަހު އެތަނަށް ވަންނާނެގޮތެއް ފުލެޓު ބަލަން ދިޔަ އެއްވެސް ނޫސްވެރިއަކަށް ނުވިސްނުނެވެ.

މި ކޮޓަރިތަކުގެ ފާޚާނަތަކުގައި މާލޭގެ އާދައިގެ ގެއެއްގައި ހުން ފާޚާނާގެ ދިގުމިން ހުރިނަމަވެސް ފާޚާނާގެ ފާރާއި ސީލިންގގައި ފެންހޮޅިތައް އާޅާ ފާޚާނާގެ ހިތްގައިމުކަންވެސްވަނީ ކަނޑުވާލާފައެވެ.

ސިޓިންގ ރޫމާއި ބަދިގެއަށް ކަނޑައަޅާފައިވަނީ ހަނި ދިގުކޮށް އޮތް ތަނެކެވެ. ސިޓިންގ ރޫމަށް ވަތް ނޫސްވެރިން ފުރަތަމަވެސް ކުރި ސުވާލަކީ "މިތަނުގައި ޒަމާނީ ސޯފާއެއް ބަހައްޓައިގެން އިތުރުކަމެއް ކުރަނީ ކިހިނެތްހެއްޔެވެ؟ "މަގޭ ދަރި މިތާ އުޅެންޏާ އޭނައަށް އެއްވެސް މިނިވަންކަމެއް ނޯންނާނެ"، މިއީ ދިވެހި ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިޔާ މަޝްރޫޢު ބަލާލަންދިޔަ ނޫސްވެރިންނަށް ފެނުނު މަންޒަރާއެކު އުފެދުނު ސުވާލުތަކެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އަތްވާއި ވާރޭގައި ހައުސިންގ މިނިސްޓްރީ ދޮށުގައި އެތައް ގަޑިއިރެއް ވަންދެން ކިއުގައި ތިބެގެން ކުރި އުންމީދަކީ މިއީ ބާއެވެ. ތަނަވަސް މާހައުލެއްގައި ދިރިއުޅެން ދިވެހިން ކުރަމުންދާ އުންމީދީ ބޯހިޔާވަހިކަމަކީ މިއީތޯ ސުވާލު އުފެދެއެވެ.
ކުރީ ސަރުކާރުންވީ ބޯހިޔާވަހިކަމުގެ ވައުދަކީ މިއީތޯ ސުވާލު އުފެދެއެވެ. މިއީ މިތަން ބަލާލަން ދިޔަ ނޫސްވެރިންގެ ޝުއޫރުތަކެވެ. އަދި މި ފްލެޓްތައް ލިބުނު ދިވެހި ރައްޔިތުންނަށް މިތަން ހަމަލޮލުން ބަލާލަން ލިބުމުން ވާނީ ކިހިނެތްބާއޭ ހިތަށް އަރައެވެ.

މި ސަރުކާރުން ވަނީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޯށްދޭނެކަމަށް ވަޢުދުވެފައެވެ. މި ފްލެޓްތަކުގެ ޑިޒައިނަށް ބަދަލު ގެންނަންޖެހުނީވެސް މި ސަބަބަށްޓަކައިކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫޢުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެން އަންނަނީ މި ސަރުކާރުން ކުރާ މަސައްކަތަކުންނެވެ. ދިވެހި ރައްޔިތުން މިހާރު ތިބީ މި ސަރުކާރުން ބޯހިޔާވަހިކަމަށް ވީ ވަޢުދު ފުއްދާތަން ބަލަން ކެތް މަދުވެފައެވެ.