ސިޔާސީ

އިނގިރޭސިވިލާތުގެ މަޖިލިސް މެންބަރެއްގެ ޗުއްޓީގެ ޚަރަދު ޝައިނީ ބެލެހެއްޓި ކަމުގެ ތުހުމަތު


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެ ވެރިކަމުގައި ޚާރިޖީ ސިޔާސަތަށް ފާޑުކިއުން އަމާޒުވި ދުވަސްވަރު އެ ސިޔާސަތުތައް ދިފާޢުކުރެއްވުމަށް މަސައްކަތްކުރެއްވި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު އިއަން ޕެއިސްލީއަށް އެއިރުގެ ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިދީ ޗުއްޓީ ދަތުރެއްދިންކަން ހާމަވެއްޖެއެވެ. 2016 ވަނަ އަހަރު އިއަން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހުރިހާ ޚަރަދެއް ޝައިނީ ކުރިކަން ހާމަވީ ބީބީސީން ޢާންމުކުރި ޚަބަރެއްގައެވެ. ނަމަވެސް ޝައިނީ ވަނީ އެ ވާހަކަތަށް ދޮގުކުރައްވާފައެވެ.

އިއަން ޕެއިސްލީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ކޮކޯ ބޮޑުހިތީގައެވެ. އޭނާގެ ޗުއްޓީއަށް ހޭދަކުރި ހުރިހާ ފައިސާއެއް ޝައިނީ ދެއްކި ކަމަށް ބީބީސީއަށް ވިދާޅުވެފައިވަނީ ކޮކޯ ބޮޑުހިތި ރިސޯޓް ހިންގާ ސަންލެންޑް ހޮޓަލްސްގެ ޑައިރެކްޓަރު ހުސައިން ޙިލްމީއެވެ.

ދެހާސްސޯޅަ ވަނަ އަހަރު އިއަން ޕެއިސްލީ ރާއްޖެގައި ހޭދަކުރެއްވި ޗުއްޓީގެ ތަފްސީލު ޤާނޫނު ހަދާމަޖިލީހާއި ހިއްސާކުރައްވާފައި ނުވާކަމަށް ބީބީސީން ކުރިން ރިޕޯޓްކޮށްފައިވެއެވެ.
އިނގިރޭސި ވިލާތުގެ ކުޑަ ސިޔާސީ ޕާޓީއެއްކަމަށްވާ ދަ ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީއަށް ނިސްބާ އިއަން ޕެއިސްލީ 2013ވަނަ އަހަރުވެސް އަދި 2014ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެންފައިވެއެވެ.