ކުޅިވަރު

ސީޒަނަށް ތައްޔާރުވާން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނުކަމަށް ބައްސާމް އެއްބަސްވެވަޑައިގެންފި


މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގައި އެފް.އޭ.އެމަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރެވިފައި ނުވާކަމަށް، އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެއްބަސްވެވަޑައިގެންފިއެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް ވިދާޅުވީ، އެކަން އެގޮތަށް ދިމާވާން މެދުވެރިވީ މުހިންމު ސަބަބުތަކުގެ ތެރޭގައި، ގަލޮޅު ދަނޑުފަދަ ތަންތަނަކީ އެފް.އޭ.އެމްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށް ނުވުން ހިމެނޭކަމަށެވެ.

ދެވަނަ ކަމަކީ އާ ސަރުކާރާއެކު ހަމަޖެހިލަން މަސައްކަތްކުރި ވަގުތު ދިމާވި ފިއްތުންތަކާއެކު، އެފް.އޭ.އެމަށް ހަމަޖެހިގެން މަސައްކަތްކުރަން ދަތިވުންކަމަށް ބައްސާމް ވިދާޅުވިއެވެ.

މި ގޮތުން މާރޗުމަހުގެ ނިޔަލަށް އެފް.އޭ.އެމަށް ޖެހުނީ އެކި ފަރާތްތަކާ ވާދަކުރަން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ނަމަވެސް ބައެއް މީހުންގެ ބިނާކުރަނިވި ފާޑުކިއުންތަކާއެކު މިހާރު ކަންކަން ބަދަލުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައްސާމް މިހެން ވިދާޅުވެފައި މިވަނީ، އެފް.އޭ.އެމުން އާ ސީޒަނަށް ރަނގަޅަށް ތައްޔާރުނުވާކަމަށް ބުނެ، ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބްތަކުގެ ކޯޗުން އެފް.އޭ.އެމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިގޮތުން ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ވަނީ، ލީގު ފެށިގެންދިޔައިރު މިދިޔަ އަހަރުގެ ބެކްޑްރޮޕްގައި ޓޭޕްހަރުކޮށްގެން ޕޯސްޓް މެޗް އިންޓަވިއުތަކާއި މޭން އޮފް ދަ މެޗްގެ އެވޯޑް ދިނުމަށް އެ ބެކްޑްރޮޕް ބޭނުންކުރުމުން އެކަން ފާހަގަކޮށްފައެވެ. އަދި ކުރީގެ ބޯޅަތަކަކުން ލީގް ކުޅޭތީ އެކަންވެސް ސުޒެއިން ފާހަގަކުރިއެވެ.

އަދި މިކަމަށް ރައްދުދެއްވާ، އާ ބެކްޑްރޮޕް ދަނޑުގައި ބެހެއްޓުމަށްފަހު ދެން ނަތީޖާތަކާމެދު ވިސްނާނެކަމަށް ވިދާޅުވެ ބައްސާމް ޓްވީޓްވެސް ކުރެއްވިއެވެ. އެހެންނަމަވެސް މި ޓްވީޓަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑެތި ފާޑިކިޔުންތައް އަމާޒުވިއެވެ. އަދި ގިނަބަޔަކު ވަނީ ބައްސާމް ޒާތީ ވަނީ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

ބައްސާމް ވިދާޅުވީ، ސީޒަނަށް ތައްޔާރުވުމަށް ކްލަބުތަކާއެކު ކުރެވިފައިވަނީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކަމަށާއި، ޚާއްޞަކޮށް ކްލަބު ލައިސަންސިން ކަންތައްތައް ދިޔަގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

އެހެންނަމަވެސް ކްލަބް ލައިސިންސިންގެ ކަންތައްތައްވެސް ނިމިގެންގޮސްފައިވަނީ، ލީގު ފެށެން ވަރަށް ބޮޑަށް، ވަގުތު ކުޑަތަންވެފައިވަނިކޮށެވެ. އަދި ބައެއް ކްލަބްތަކަށް ލީގުގައި ކުޅެވޭނެކަން މެޗު ފެށެން ސައުވީސް ގަޑިއިރަށްވީއިރުވެސް ޔަގީން ވެފައެއް ނުޥެއެވެ.