ކުޅިވަރު

މާފަންނު މިނީ ޓާރފް ދަނޑުތަށް ހިލޭ ދޫކުރަން ޔޫތް މިނިސްޓްރީން ނިންމައިފި


މާފަންނު ސްޓޭޑިއަމްގެ މިނީ ޓަރފް ދަނޑުތައް ހިލޭ ދޫކުރުމަށް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނިންމައިފިއެވެ.

އެފް.އޭ.އެމްގެ ބެލުމުގެ ދަށުން، މާފަންނު ސްޓޭޑިއަމްގެ މިނީ ޓަރފް ދަނޑުތައް މީގެ ކުރިން އާންމުންނަށް ދޫކުރަމުން ދިޔައީ، ގަޑިއިރަކަށް 500 ރުފިޔާގެ ރޭޓުންނެވެ.

ޔޫތު މިނިސްޓަރ އަޙުމަދު މަޙުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީގެ ކުރިން ލާރި ދައްކައިގެން ދޫކުރި ފުޓްސަލް ޓަރފް ދަނޑުތައް، މިއަދުން ފެށިގެން ހިލޭ ދޫކުރަން ނިންމަވާފައިވާކަމަށެވެ.

އެފް.އޭ.އެމްގެ އެކި ހަރަކާތްތަކަށް، ކޮންމެ ދުވަހަކުވެސް މެންދުރު ދެއަކުން އިރުއޮއްސި ހަޔެއް ޖަހަންދެން ދަނޑުތައް ދޫކުރަން ނިންމާފައިވާއިރު، އެހެން ގަޑިތަކުގައި ކުޅެން ބޭނުންވާ މީހުންނަށް އެ ދަނޑުތަކުގައި ހިލޭ ކުޅުމުގެ އެފުރުސަތު ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓަރފް ދަނޑުތަކުގައި ކުޅެން ބޭނުންވާ ފަރާތްތަކުން ކުރިން ނަން ނޯޓުކޮށް ފައިސާ ދައްކަން ޖެހެނީ އެފް.އޭ.އެފްއަށެވެ.

އެހެންނަމަވެސް މިހާރު ދަނޑު ބޭނުންވާ ފަރާތަތްކުން ނަން ނޯޓުކުރަން ޖެހެނީ ކުޅިވަރު އެކުވެނީގައެވެ.