ކުޅިވަރު

ކުޅުންތެރިން ގަތުމަށް ކޯޗު ބޭނުންވާ ވަރަށް ފައިސާ ޙަރަދުކުރާނަން - ޔުނައިޓެޑް


މެންޗެސްޓާ ޔުނައިޓެޑަށް ކުޅުންތެރިން ގެނައުމަށް ކޯޗު އޮލޭ ގަނާ ސޮލްޝަޔަރއަށް ބޭނުންވާ ވަރަށް ފައިސާ ހޭދަކުރެވޭނެކަމަށް އެ ކުލަބުން ބުނެފި އެވެ.

ޔުނައިޓެޑް ހިންގާ ގްލޭޒާ އާއިލާއިން ބުނީ ކްލަބު ވަރުގަދަކޮށް ޗެމްޕިއަންސް ލީގު ކުޅުމަކީ އެ ކްލަބުން އެންމެ ބޭނުންވާ ކަންތައްކަމަށެވެ.

ސޮލްޝަޔަރ ވަނީ ކުލަބަށް ގެނައުމަށް އޭނާ ބޭނުންވާ ކުޅުންތެރިން ފާހަގަކޮށްފަ އެވެ. ނަމަވެސް ޓްރާންސްފާ މާކެޓުގެ އަގުތައް ހުރި މިންވަރަށް ބަލާއިރު ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭކަމަށް ވެސް އެ ކުލަބުން ބުންޏެވެ.

ޔުނައިޓެޑުގައި މިހާރުތިބި ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިއަކު ވިއްކާލަން ކޯޗު ބޭނުންވެ އެވެ.
ނަމަވެސް ކުޅުންތެރިން ވިއްކާލަން އޮތް އެންމެ ބޮޑު ހުރަހަކީ އެކުޅުންތެރިންގެ މިހާރުގެ މުސާރައާ އެއްވަރުގެ އަދަދެއް ދޭނެ ކުލަބެއް ނެތުމާއި ގަންނަން ހުށަހަޅާ އަގު ކުޑަވުމެވެ.