ސިޔާސީ

ރަޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ


ރަޝިޔާއަށް އެތެރެވުމަށް އޮން އެރައިވަލް ވިސާ ދިވެހިންނަށް ލިބޭގޮތް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ރާއްޖެއާއި ރަޝިޔާއިން ސޮއިކޮށްފިއެވެ.

90 ދުވަހުގެ އޮންއެރައިވަލް ވިސާ ދިވެހިންނަށް ލިބޭގޮތަށް ހަމަޖައްސާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު މިހާރު ރަޝީއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ. އަދި ރަޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިންގ މިނިސްޓަރ ސަރުގޭ ލަވްރޯފްއެވެ.

މި އެއްބަސްވުމުގެ ދަށުން ރަޝިއާ ރައްޔިތުންނަށްވެސް ރާއްޖެއިން 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ފަސޭހަކަމާއިއެކު އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެ މަގު ފަހިކުރުންކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ރަޝިޔާގެ ފޮރިންގ މިނިސްޓަރ ސަރުގޭ ލަވްރޯފްއާއި ބައްދަލުކުރައްވާ ދެޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ. އެގޮތުން ފަތުރުވެެރިކަމުގެ ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއާއި ޓެރަރިޒަމް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

މި މަޝްވަރާތަކުގައި ރާއްޖޭގެ އެމްބަސީއެއް ރަޝިޔާގައި ހުޅުވުމަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވި. ރަޝިޔާގައި އެމްބަސީއެއް ޤާއިމްކުރައްވާނެކަން ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙް އިޢުލާންކުރައްވާފައިވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި.

މީގެ އިތުރުން ފޮރިންގ މިނިސްޓަރުން ކުރެއްވި މަޝްވަރާތަކުގައި ރާއްޖެއިން ރަޝިޔާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމުގައި ލުއި ގޮތްތައް ހަމަޖެއްސުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވޭ. ރަޝިޔާއަކީ މިހާރުވެސް ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ޤައުމެއް. މި މަޝަވަރާތަކުގައި ރަޝިޔާއަށް މަސް އެކްސްޕޯޓް ކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ޙައްލުކޮށް އިތުރަށް މަސް އެކްސްޕޯޓް ކުރެވޭނެ ގޮތް ރާއްޖެއަށް ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން ރަޝިޔާގެ ފޮރިންގ މިނިސްޓަރު ދެއްވާފައިވާކަމަށް ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވިދާޅުވޭ.

ރާއްޖެއާއި ރަޝިޔާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 14 ސެޕްޓެމްބަރ 1966 ވަނަ އަހަރު.