ސިޔާސީ

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 201 ބިލެއް


މި ސަރުކާރުގެ ފަސް އަހަރުދުވަހުގެ ތެރޭގައި 22 ދާއިރާއަކުން 201 ބިލު އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ބިލްތައް ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާ މިއަދު ވަނީ ޢާންމުކޮށްފައެވެ. ސަރުކާރުގެ މިނިސްޓްރީތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މަޝްވަރާއާއެކު ބަންޑާރަ ނާއިބު އެކުލަވާލައްވާފައިވާ މި ލެޖިސްލޭޓިވް އެޖެންޑާގައިވާ ގޮތުން އެންމެ އިސްކަމެއް ދެއްވާފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވާއުދުތައް ފުރިހަމަކުރުމަށްކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މަޢުލޫމާތުދެއެވެ.

މިގޮތުން ޚާއްޞަ އިސްކަމެއް ދެއްވާ ދާއިރާތަކުގެ ތެރޭގައި ޤާނޫނު އަސާސީއަށް ގެންނަ 4 އިޞްލާހަކާއި، ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް ހިންގުމުގެ ޤާނޫނުތަކުން ބާރު ލިބެންޖެހޭ ކަންކަމާއި ގުޅޭ ބިލްތަކާއި، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން ޤާނޫނު ތަންފީޒްކުރުުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި އިޞްލާހުގެންނަންޖެހޭ ޤާނޫނުތައްވެސް ހިމެނެއެވެ.

ލެޖިސްލޭޓިވް އެޖެންޑާގައިވާގޮތުން ޤާނޫނު އަސާސީއަށް ގެންނަ އިޞްލާޙުތަކުގެ ތެރޭގައި ޢަދުލް އިންޞާފު ޤާއިމްކުރުމުގެ ދާއިރާ ހިމެނެއެވެ. ޢަދުލް އިންސާފުގެ ދާއިރާ އިސްލާޙުކޮށް އަދުލުވެރި ފަނޑިޔާރުގެއެއް ޤާއިމްކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ޤާނޫނު އަސާސީއަށް ގެނައުމަށް ނިންމާފައިވާ އެހެނިގެން އިޞްލާޙުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމް އިޞްލާޙުކުރުމާއި، މިނިވަން މުއައްސަސާތައް އިޞްލާޙުކުރުމާއި، އެންޓި-ޑިފެކްޝަންގެ ބިލު ހިމެނެއެވެ.

ރައީސް އިބްރާހީމް މުޙާއްމަދު ޞާލިޙު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އެންޓި-ޑިފެކްޝަންގެ ޤާނޫނު މިހާރު ވަނީ އުވާލާފައެވެ. އެ ޤާނޫނު އުވާލާފައިވަނީ ވަކި ބަޔަކަށް އަމާޒުކޮށް ގެންނަވާފައިވާ ޤާނޫނެއްކަމަށް ތުހުމަތުކޮށެވެ. ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންޓި-ޑިފެކްޝަންސްގެ ޤާނޫނު އަލުން އެކުލަވާލައްވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.